05 Jan 2023, 09:03
ނެޓްފްލިކްސް އިން މިހާތަނަށް ނެރުނު އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނިފައިވާ އާ ޝޯ، "ވެނިސްޑޭ" ނެޓްފްލިކްސް އަތުން ގެއްލެން އުޅޭ ކަމުގެ އިޝާރާތްތަކެއް ކޮށްފިއެވެ.
މަޝްހޫރު ފެންޓެސީ ޑްރާމާ ކެރެކްޓާސް ކަމަށްވާ "އެޑަމްސް ފެމިލީ"ގެ ކެރެކްޓަރަކަށް ބިނާކޮށް ތައްޔާރުކުރި އާ ޝޯ ވެނިސްޑޭގެ ފުރަތަމަ ސީޒަން ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. އެއާއެކީ އެތައް ބަޔަކު އެ ޝޯތައް ބަލަން ފަށައި ނެޓްފްލިކްގެ އެތައް ރެކޯޑުތަކެއް މުގުރަން ފެށިއެވެ.
ނެޓްފްލިކްސް އިން ތަފާތު އެކި މާކެޓިން ބޭނުންކޮށްގެން މި ޝޯ ޕްރޮމޯޓުކޮށްފައިވާއިރު މި ޝޯ ވެފައިވަނީ އެ ސްޓްރީމިން ސާވިސްއަށް ކާމިޔާބު ޝޯއަކަށެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އުއްމީދު ކުރަމުން އަންނަނީ ޝޯގެ ދެވަނަ ސީޒަނެއް ނެރޭނެ ކަމަށެވެ.
ނަމަވެސް އެމެރިކާގެ ނޫހެއް ކަމަށްވާ "ޑެޑްލައިން" އިން ރިޕޯޓުކޮށްފައިވާގޮތުގައި ކުރިއަށް އޮތް ތަނުގައި ނެޓްފްލިކްސްއަށް އެ ޝޯ ދެއްކޭ ގޮތް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ޝޯގެ ޕްރޮޑަކްޝަން ކުންފުނީގެ ސަބަބުންނެެވެ.
ޓިމް ބާޓަން ޑައިރެކްޓުކުރި މި ޝޯއަކީ އެމްޖީއެމް ޕްރޮޑަކްޝަންްގެ ދަށުން އުފެއްދި ޝޯއެކެވެ. ނަމަވެސް އެމްޖީއެމް ވަނީ ދާދިފަހުން އެމޭޒަން ޕްރައިމް އާ އެއްބަސްވެ ގުޅުވާލާފައެވެ. އެހެންވީމާ އެމްޖީއެމްގެ ހުރިހާ އުފެއްދުންތަކެއް ދެން ދައްކަން ޖެހޭނީ އެމޭޒަން އިންނެވެ.
މިކަމާ ގުޅިގެން ނެޓްފްލިކްސްްއަށް އެ ޝޯ ކުރިއަށް އޮތް ތަނުގައި ނުދެއްކޭ ގޮތް ވެދާނެއެވެ. އޭގެ ބަދަލުގައި ޝޯ ދެން ފެނިގެންދާނީ އެމޭޒަން އިން ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް މި ޝޯގެ ކަންތައްތައް އަދި ފައިނަލް ވެފައެއް ނުވެއެެވެ. ފަހަރުގައި މި ޝޯ ދެއްކުމަށްޓަކައި މި ޝޯގެ ރައިޓްސް ނެޓްފްލިކްސް، އެމްޖީއެމްގެ އަތުން ގަތުމަކީވެސް އެކަށީގެންވާ ކަމެކެވެ.