ޖޭމްސް ބޮންޑް ފިލްމު ސީރީޒްގައި ބޮންޑްގެ ރޯލު ކުޅެމުން އައި ޑެނިއެލް ކްރެގް ވަނީ އެތައް އަހަރުތަކަކަށް ފަހު އެންމެ ފަހުން އެ ކެރެކްޓަރަށް އަލްވަދާއު ކިޔާފައެވެ. އެހެންކަމުން މިހާރު އާ ތަރިއެއް އެ ރޯލަށް ހަމަޖައްސަން ގާތްވެފައިވާ ކަމުގެ އިޝާރާތްތަކެއް ކުރަން ފަށައިފިއެވެ.

ޖޭމްސް ބޮންޑުގެ ރޯލުން އެންމެ ފަހުން ކްރެގް ފެނިގެން ގޮސްފައިވަނީ 2021 ވަނަ އަހަރު ނެރުނު "ނޯ ޓައިމް ޓު ޑައި" އިންނެވެ. އެއަށްފަހު އެ ރޯލު ހުސްވުމާ ގުޅިގެން އެ ރޯލަށް ހަމަޖައްސާނެ މީހެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބީ ކެތްމަދުވެފައެވެ.

ބޮންޑުގެ ރޯލު ކުޅޭނީ މިވެނި އެކްޓަރެއް ކަމަށް ބުނެ ބަހުސްތައް ވެސް ދަނީ ކުރެވެމުންނެވެ. އެ އެކްޓަރުންގެ ތެރޭގައި އިދްރިސް އެލްބާ، ޓޮމް ހިޑްލެސްޓަން، އެއިޑަން ޓާނާ އަދި ޓޮމް ހާޑީފަދަ އެކްޓަރުންގެ ނަންތައް ވަނީ ހިމެނިފައެވެ. ނަމަވެސް ދާދި ފަހުގެ މައުލޫމާތުތަކަށް ބަލާ ނަމަ އެ ރޯލަށް މިއިން އެކްޓަރެއްގެ ބަދަލުގައި އަންނާނީ އެހެން ތަރިއެކެވެ. އެއީ "ކިކް އޭސް" އާއި "ބުލެޓް ޓްރެއިން"ގެ ރޯލުތަކުން ފެނިގެން ގޮސްފައިވާ އެކްޓަރު އެރަން ޓޭލާ ޖޯންސަންއެވެ.

މާވެލްގެ އެވެންޖާ ސީރީޒް އިން ވެސް ފެނިގެން ގޮސްފައިވާ އެރަން ވަނީ ދާދި ފަހުން ބޮންޑް ސީރީޒްގެ ޑިރެކްޓާ ބާބަރާ ބްރޮކޮލީ އާއެކު އޮޑިޝަނެއްގައި ބައިވެރިވެފައި ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ. ސްކްރީން ޓެސްޓް އޮޑިޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ އޮޑިޝަން އަކީ ހަމައެކަނި އޭނާއަށް ބޭއްވި އޮޑިޝަނެއް ކަމަށްވެސް ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި އޮޑިޝަން ދިޔައީ ވަރަށް ރަނގަޅަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އަދި ކަށަވަރު ވެފައެއް ނުވެއެވެ.

އެރަން އަށް ހާއްސަކޮށް ސްކްރީން ޓެސްޓިންއަށް ގެންދިޔުމުން އެ ރޯލު އޭނާއަށް ލިބެން އުޅޭ ކަމަށް ވެދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެެވެ.