04 Jan 2023, 18:34
މާލޭގައި ހިންގި ޑްރަގު އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި އިއްޔެ ހިންގި ޑްރަގު އޮޕަރޭޝަނެއްގައި އެތަކެތި ހޯދާފައިވަނީ، ތުހުމަތު ކުރެވިގެން ހިފެހެއްޓި ދެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރާއި 52 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.
އެ ދެމީހުންގެ ތެރެއިން 32 އަހަރުގެ މީހާ ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރުމުގެ ތެރޭގައި 44 ބިޔަރު ދަޅު ފެނިފައިވާ އިރު 52 އަހަރުގެ މީހާގެ ގެއިން 500 އެމްއެލްގެ 36 ފުޅި ބަނގުރަލާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދު ހާޒިރުކުރުމުން އޭގެ ތެރެއިން 32 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ދީފައިވާއިރު، 52 އަހަރުގެ މީހާއަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން އަންނަނީ މި ދެ މައްސަލަ ތަހުގީގު ކުރަމުންނެވެ.