ނިމިދިޔަ 2022 ވަނަ އަހަރު ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ލަފައަށް އެދި ފޮނުވި މައްސަލަތަކުގެ ތެރެއިން 90 އިންސައްތަ މައްސަލައަށް ގާނޫނީ ލަފާ ދީފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެ އޮފީހުން އާންމުކޮށްފައިވާ 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރު ގާނޫނީ ލަފައަށް އެދި ފޮނުވި 959 މައްސަލައިގެ ތެރެއިން 862 މައްސަލައަކަށް ގާނޫނީ ލަފާ ދީފައިވެއެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ލަފާނުދެވި ހުރި ކަންކަން ހިމެނޭހެން ޖުމްލަ 896 މައްސަލައަކަށް މިދިޔަ އަހަރު ލަފާދީފައިވާކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އެގޮތުން، ހުސްވި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެންމެ ގިނައިން ލަފާ ދީފައިވަނީ އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭގޮތުންނެވެ. އޭޖީ އޮފީހުން މިދިޔަ އަހަރު އެއްބަސްވުންތަކުގައި ސޮއިކުރުމާ ގުޅޭ 250 މައްސަލައަކަށް ލަފާ ދީފައިވެއެވެ.

ދެވަނައަށް އެންމެ ގިނައިން ލަފާ ދީފައިވަނީ ގަވާއިދުތަކާ ގުޅޭ ގޮތުންނެވެ. އެފަދަ 163 މައްސަލައަކަށް އޭޖީ އޮފީހުން ލަފާ ދީފައިވާއިރު، އުސޫލުތަކާ ގުޅޭ 50 މައްސަލަ އަދި، ބިލް ތަސްދީގު ކުރުމާ ގުޅޭ 25 މައްސަލައެއްގައި ލަފާ ދީފައިވެއެވެ.

މީގެއިތުރުން، މުއާހަދާތަކާ ގުޅޭގޮތުން 5 މައްސަލައެއްގައި ލަފާ ދީފައިވާއިރު، ގާނޫނީ ލަފާ ބޭނުންވާ އެކިއެކި އެހެނިހެން 403 މައްސަލައެއްގައި ލަފާ ދީފައިވާކަމަށް އޭޖީގެ ތަފާސްހިސާބުތަކުން ދައްކައެވެ.