ދޫނިދޫގައި ފުލުހުންގެ ތަހުގީގަށް ބަންދުކޮށްފައި ހުރި މީހަކު ދަންޖެހިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ދޫނިދޫގައި ދަންޖެހިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އައިޖީއެމްއެޗްގެ ބިދޭސީ ނަރުހުންތަކަކާއި އެމީހުންގެ ފިރިންނާއި ދެމެދު ހިނގި މާރާމާރީއެއްގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އެއީ އިންޑިއާގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ސަން އަށް އެގިފައިވާ ގޮތުގައި އެއީ އެތަނުން ނަރުހެއްގެ ފިރި އެކެވެ.

އައިޖީއެމްއެޗުން ބުނީ މިރޭ 7:30 އެހާއިރު ދޫނިދޫން އެ ހޮސްޕިޓަލަށް ދަންޖެހިގެން ގެނައި މީހާ މަރުވެފައިވާ ކަމަށެވެ. ސަން އަށް މުއުތަބަރު ގޮތަކަށް އެނގިފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެނައިރުވެސް އޭނާ ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ނެތްކަންވެސް ވަނީ އެގިފަ އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލައަކީ އެ މީހުން ދިރިއުޅޭ އެޕާޓްމަންޓުގައި ދެ ބައިމީހުންގެ ދެމެދުގައި މާރާމާރީއެއް ހިންގައި ދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ އެކެއްގެ ބޯފަޅާލި މައްސަލަ އެކެވެ.

ފުލުހުން ބުނީ އެމީހާގެ މަރާ ގުޅޭ އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް މީޑިއާޔަށް ހާމަކުރާނެ ކަމަށެވެ.