19:00


މި އަހަރުގެ ނައިޓް މާކެޓުން ދޫކޮށްފައިވާ މޭޒުތަކުގެ ކުއްޔަށް އެކަނި ވެސް 1.92 މިލިއަން ރުފިޔާ ވިޔަފާރިވެރިންގެ ޖަމިއްޔާ އަށް ލިބޭނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގު، ކަޅުތުއްކަލާ ކޮށިން ފެށިގެން އީޒީފިލް ޕެޓްރޯލް ޝެޑާ ހަމައަށް ބަންދުކޮށްގެން 10 ރޭ ވަންދެން ހިންގާ ނައިޓްމާކެޓްގައި 640 މޭޒު ބަހައްޓައިފައިވާ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުންޏެވެ. އެއިން މޭޒެއް ކުއްޔަށް ދީފައި ވަނީ ތިން ހާސް ރުފިޔާ އަށް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.


ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ނައިޓް މާކެޓް ހުޅުވި ރޭ ވެސް ވިއްސާރަވުމުގެ ސަބަބުން ވިޔަފާރިވެރިންގެ އެއްޗެއްސަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ސީދާ ލިބުނު ގެއްލުން އެނގޭނީ މާކެޓް ނިމުމުން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.


އާސިފް ވިދާޅުވީ ވިއްސާރައިގެ ސަބަބުން މާކެޓް މެދުކެނޑެން ވެއްޖެނަމަ ވަރަށް ބޮޑެތި ގެއްލުން އެޖަމިއްޔާ އަށާއި ވިޔަފާރިވެރިންނަށް ވަމުންދާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތީ ރޯދަމަސް ކަމަށް ވުމުން ގިނަ ބަޔަކު އެއްޗެހި ބަލާލަން ދިޔުމުގެ ބަދަލުގައި އެއްޗެހި ގަންނަކަން ފާހަގަކުރެވޭ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.