04 Jan 2023, 18:56
އަރަބިއްޔާ ސްކޫލްގެ މައްސަލާގައި ވަކާލާތުކުރާ އެ ސުކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރާތީ އެ ސުކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
"އަރަބިއްޔާ ފެމިލީ" ޖަމްއިއްޔާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން، ސުކޫލުގެ ބޯޑުގެ މެމްބަރުންނާއި ޕީޓީއޭގެ މެމްބަރުންނަށް ދައުލަތާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން އިހާނެތިކޮށް މުއާމަލާތްކޮށް ފުރައްސާރަ ކުރާ ކަމަށެވެ.
އެގޮތުން، އަރަބިއްޔާގެ 11 އަދި 12 ގައި ކިޔަވާ ބައެއް ދަރިވަރުން ތިބެނީ ތުނބުޅި ބަހައްޓާފައި ކަމަށާއި އެކުދިންނަކީ ސީރިޔާގައި ހަނގުރާމަ ކުރުމަށް ތައްޔާރުވަމުންދާ މީހުން ކަމަށް ތުހުމަތު ކުރާކަމަށް އެ ބަޔާނުގައިވެއެވެ.
"އަރަބިއްޔާގެ ބެލެނިވެރިންގެ ތެރެއިން ގިނަ އަންހެނުން މޫނު ބުރުގާ އަޅާފައި ތިބޭތީ އެމީހުންނާއެކު ބައްދަލުވުން ބޭއްވުމަށް ދެކޮޅު ހެދުމާއި، ޕީޓީއޭ އަދި ސްކޫލް ބޯޑު އުވާލެވިދާނޭކަމަށް ރަސްމީ ޖަލްސާތަކުގައި ބުނެ އިންޒާރު ދީފައިވެއެވެ،" އެ ބަޔާނުގައިވެއެވެ.
އެ ސުކޫލުގެ ބެލެނިވެރިން ބުނީ މިއީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، މިއީ އަރަބިއްޔާގެ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ނިކަމެތިކޮށް މުޖުތަމައުން ބާކީކުރުވާނެ އިންސާނިއްޔަތާ ޚިލާފު ވިސްނުންތަކެއް ކަމަށެވެ.
މިފަދަ މައްސަލަތަކާ ގުޅިގެން ބެލެނިވެރިން އަޑުއުފުލާތީ އަރަބިއްޔާ ސްކޫލް ހިންގުމާ ހަވާލުވެހުންނެވި، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު އަހްމަދު، ޕީޓީއޭއަށް އިންޒާރު ދިން ކަމަށް ބެލެނިވެރިން މީގެކުރިންވެސް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ބެލެނިވެރިން ބުނީ އަރަބިއްޔާ ނޫން އެހެން ސްކޫލްތަކަށް ވެސް އަރަބިއްޔާގައި ދިމާވެގެން އުޅޭ މައްސަލަ ތަކުރާރުކޮށް ދިމާވާ ނަމަ، އެ ސްކޫލްތަކުގެ ބެލެނިވެރިން ވެސް އަޑު އުފުލަމުން ދާނެކަމަށެވެ. އަދި، އެހެން ސްކޫލްތަކުގެ ދަރިވަރުންނަށް ފުރުސަތުތައް ފަހިވެފައިވާގޮތަށް އަރަބިއްޔާގެ ދަރިވަރުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެކަމަށް ވެސް އަރަބިއްޔާގެ ބެލެނިވެރިން ބުނެފައިވެއެވެ.