04 Jan 2023, 16:57
އިދިކޮޅު ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މި ވަގުތު ޖަލުގައި ހުންނެވި ނަމަވެސް، އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިން ދަތުރެއް މި މަހުގެ ހަވަނަ ދުވަހު ނ. އަތޮޅަށް ކުރަން ޕީޕީއެމުން ނިންމައިފިއެވެ.
މި ދަތުރަކީ ހަތަރު ދުވަހުގެ މުއްދަތަކަށް އެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރަން ހަމަޖެހިފައިވާ ދަތުރެކެވެ. ނަމަވެސް އަދި ދާނެ ރަށްތަކާއި އެ ރަށްރަށުގައި ހިންގާނެ ވަކި ހަރަކާތްތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ކެމްޕެއިންް ދަތުރާ ގުޅިގެން "ސަން"އާ މިއަދު ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމުގައި އިސްކޮށް މަސައްކަތްކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އެ ޕާޓީއާއި އެމަނިކުފާނަށް ތާއީދުކުރާ އެންމެން ވެސް ގަބޫލުކުރާ ވިސްނުމަކީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުންކަމަށެވެ.
އަދި ޖަލަށް ލީ ނަމަވެސް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށާއި އެ ކަން އެންމެ ފުރަތަމަ އެމަނިކުފާނު ޖަލަށް ލީ ފަހަރު ކަނޑައަޅައިފައިވާކަމަށެވެ. އަދި މިނިވަންވުމާއެކު އެ ޕާޓީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނާ ހަވާލު ވެސް ކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ކަނޑައެޅި ހިސާބުން ރައީސް ޔާމީންގެ ކެމްޕެއިން މީގެ ކުރިން ވެސް ރާވައިފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އޭރުން ފެށިގެން މާ ކުރިން ކެމްޕެއިން ދާނެ ގޮތް ރާވައިފައިވާނީ. އެހެންވީމާ އޭގެ ތެރެއިން ހިނގާ ކަމެއް މި ކަމަކީ. ރައީސް ހުންނަވައިގެން ވެސް އަޅުގަނޑުމެން ހުންނާނީ ދަތުރުތަކެއް ކޮށްފައި ދެއްތޯ. އައްޑޫ ދަތުރު ނިންމައިލައިފައި އައިސް ވަގުތު ނުވެ އުޅެނިކޮށް ރައީސް ޖަލަށް މި ލީ،" އަދުރޭ ވިދާޅުވިއެވެ.
އެއާއެކު އޭނާވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީންގެ ނަންފުޅު އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.
މީގެ އިތުރުން އޭނާވަނީ ސަރުކާރުން ރައީސް ޔާމީނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭން މަސައްކަތްކުރާ ކަމުގެ ތުހުމަތު ވެސް ކުރައްވައިފައެވެ.
ނަމަވެސް އެ ކަންކަމަށް ޖާގަ ދީ މަޑުޖައްސަލައިގެން ތިބުމަކީ ރައީސް ޔާމީން އިރުޝާދު ދެއްވާ ގޮތެއް ނޫންކަމަށާއި، ކެމްޕެއިންގެ ހުރިހާ މަސައްކަތެއް ކުރިއަށް ދާނީ އެމަނިކުފާނުގެ އިރުޝާދާއެކު ކަމަށް ވެސް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
"ރައީސް ޔާމީން ޖަލަށް ދިޔުމުގެ ކުރިން އަޅުގަނޑުމެންނާއެކު ވަރަށް ގިނަ މަޝްވަރާތަކެއް ކުރައްވައިފައި ހުރި ކެމްޕެއިން ކަންތައްތަކުގައި. އޭގެ ތެރެއިން ކުރިއަށްދާ ދަތުރުތަކުގެ ތެރެއިން ދަތުރެއް މިއީ،" އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް ޔާމީން ޖަލަށްލީ ނަމަވެސް އިދިކޮޅުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.