ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕޭން ހަރަކާތް މިރޭ އެމްޑީޕީ މައި ހަރުގޭގައި ބާއްވަން އިއުލާނުކޮށްފައި އޮއްވާ، އިދިކޮޅު ޕީޕީއެމުން އެ ސަރަހައްދަށް އެއްވާން ނިންމައިފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ދެކޮޅަށް އަޑުއުފުލުމަށް އެޕާޓީން ގެންދަނީ ސިލްސިލާ ހަރަކާތްތަކެއް ބާއްވަމުންނެވެ.

އެ މައްސަލައިގާ ދައުލަތުން އުފުލި މަނީ ލޯންޑްރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު މީޑިއާތަކަށް ވިދާޅުވީ ޔާމީނަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް އަޑުއުފުލަން ބާއްވާ ހަރަކާތެއް މިރޭ 8:45ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ. އަދި، އެ ސަރަހައްދަށް އެއްވެ ސިޔާސީ ހަރަކާތް ހިންގުމަށް އިއްޔެ، މާލޭ ސިޓީ ކައުންސިލުން ހުއްދަވެސް ހޯދާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރޭގެ ހަރަކާތުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ވެސް ފުލުހުންގެ ފަރާތުން އެދިފައިވާނެ" އޭނާ ވިދާޅުވިއެވެ.

މިމަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގަައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ރައީސް ޞާލިހްގެ ފުރަތަމަ ކެމްޕޭން ހަރަކާތް ބާއްވަން ނިންމާފައި އޮތީ މިރޭ 9:00ގައި އާޓިފިޝަލް ބީޗު ކުރިމަތީ ހުންނަ އެޕާޓީގެ މައި ހަރުގޭގައެވެ.

އެމަނިކުފާނުގެ ކެމްޕޭން ޓީމުން މިއަދު ބުނީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހަރަކާތެއް މިރޭ އެޕާޓީގެ މައި ހަރުގޭގައި އޮންނާނެ ކަމަށެވެ.

އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާ ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ރައީސުން ވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.