ގެއްލިގެން ހޯދަނިކޮށް، މަރުގެ މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި މުޙައްމަދު ނިޒާމްގެ ބަންދަށް 60 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ދީފިއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ ސިއްރު ކޮށްފައެވެ.

މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރީ، ވިލިމާލެއިން ފުރި ތެޔޮބޯޓަކުން އޭނާ ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކޮށްފައިވަނިކޮށެވެ. އޭނާ އާއެކު ތެޔޮ ބޯޓްގައި މަސައްކަތް ކުރާ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން،35، ވެސް ގެއްލިގެން ހޯދަން އިއުލާނުކޮށްފައި ވެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ނިޒާމްގެ މައްޗަށް ތުހުމަތު ކުރަނީ ލިޓަން މަރާލި ކަމަށެވެ.

އާދިއްތަ ދުވަހު އެ މީހުން އުޅޭ ބޯޓް ހުޅުލެ ކައިރިން ފެނުނެވެ.

އޭގެ ފަހުން މާލޭ ކެފޭއަކުން މިދިޔަ ހޯމަ ދުވަހު އާންމުންގެ މީހަކަށް ނިޒާމް ފެނިގެން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާފައެވެ.

ލިޓަން އަކީ "ފިއުލް ޕަވާ" ކިޔާ ކުންފުންޏަކުން ދުއްވާ ތެޔޮ ބޯޓެއް ހިންގުމާ ހަވާލުވެ ހުރި މީހެކެވެ. ތެޔޮގަތުމާއި ވިއްކުމަށް އޭނާ ގިނަ އަދަދެއްގެ ފައިސާ އަބަދުވެސް އަތުގައި ގެންގުޅެއެވެ. އާއްމުކޮށް އެ ބޯޓްގައި އުޅެނީ އޭނާ އެކަންޏެވެ. ކައްޕިއެއް ހޯދަނީ ދަތުރެއް ދާން ޖެހުނީމެވެ. ނިޒާމަކީ އެގޮތަށް ގެންގުޅެނީ ކައްޕިއެކެވެ.

ލިޓަން އާއި ނިޒާމް ދަންނަ މީހުން ތުހުމަތު ކުރާގޮތުގައި މި މަރުގެ ފަހަތުގައި ވަނީ ފައިސާ ފޭރުމެވެ. ލިޓަންގެ އަތުން ފައިސާ އަތުލުމަށް ނިޒާމް އޭނާ މަރާލީ ކަމަށް އެ މީހުން ތުހުމަތު ކުރެއެވެ.

ނިޒާމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުން ފަދަ ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް އޭނާ ދަންނަ މީހުން ބުނެއެވެ. ނަމަވެސް ފުލުހުން ރަސްމީކޮށް އެފަދަ އެއްވެސް ވާހަކައެއް އަދި ހާމައެއް ނުކުރެއެވެ.

މަރުވެ، ކުނިވެފައިވާ މީހެއްގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު ވ. އަތޮޅުން ފެނިފައިވާއިރު އެއީ ލިޓަންގެ ހަށިގަނޑު ކަމަށް ބަލައި ހަދަން ޖެހޭ ޓެސްޓްތައް ފުލުހުން އަންނަނީ ހަދަމުންނެވެ.