11 Apr 2012, 17:19
ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އުފެއްދެވި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ސީއެންއައި)އަކީ މިނިވަން ކޮމިޝަނެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މިއަދު ބުނެފި އެވެ.
މިއަހަރުގެ ފެބްރުއަރީ 7، 8ގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ދައުލަތާ ދެކޮޅަށް ހިންގި ކަންތައްތައް ތަހުގީގު ކުރުންދާ ގޮތާ ބެހޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް މައުލޫމާތު ދެއްވަމުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް ޝަހިންދާ އިސްމާއިލް ވިދާޅުވީ އިންކުއަރީ ކޮމިޝަންއަކީ ވެރިކަން ބަދަލުވި ގޮތުގެ ބެލުމުގެ "ފުން މެންޑޭޓެއް" އޮތް ބައެއް ނޫން ކަމަށެވެ.
"މިވަގުތަކު އަޅުގަނޑު ޕާސަނަލީ ގަބޫލެއް ނުކުރަން މިނިވަން މުސްތަގިއްލު ކޮމިޝަނެއް އޮވެގެން މިކަންތައްތައް [ވެރިކަން ބަދަލުވި ގޮތް] ތަހުގީގު ކުރުމަށް ފުލް މެންޑޭޓެއް އޮވެގެން އުފެދިފައި އޮތް ކޮމިޝަނެއް ކަމަކަށް،" އިންކުއަރީ ކޮމިޝަނާ ބެހޭ ގޮތުން ޝަހިންދާ ވިދާޅުވި އެވެ.
އިންކުއަރީ ކޮމިޝަންގެ މިނިވަންކަން ޔަގީން ކުރުމަށް އެ ކޮމިޝަންގައި ބައިވެރިވުމަށް ދައުވަތުދީފި ނަމަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީސް ބައިވެރިވެދާނަންތޯ އަލީ ވަހީދު ކޮމެޓީގައި ސުވާލު ކުރެއްވުމުން އެކަމަށް އެއްބަސްވީ އެޗްއާރްސީއެމް އެކަންޏެވެ. އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް އަޒްރާ އަހުމަދު މިއަދު ވިދާޅުވީ އިންކުއަރީ ކޮމިޝަންގައި އެ މުއައްސަސާ ބައިވެރިވުމަށް ހުށަހަޅައިފި ނަމަ އެކަމަށް އިޖާބަދީ އެޗްއާރްސީއެމަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށެވެ.
ނަމަވެސް ޝަހިންދާ ވިދާޅުވީ އިންކުއަރީ ކޮމިޝަންގެ މިނިވަންނުވާހާ ހިނދެއްގައި އެ ކޮމިޝަންގައި ޕޮލިސް އިންޓަގްރިޓީން ބައިވެރިނުވާނެ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނަރަލް އަހުމަދު މުއިޒް ވިދާޅުވީ ގާނޫނުން ޕީޖީގެ މައްސޫލިއްޔަތުތައް ބަޔާންކޮށްފައިވާ އިރު، ތަހުގީގުތަކުގައި ބައިވެރިވުމުގެ އިހްތިސާސް ޕީޖީ އޮފީހަށް ލިބިގެން ނުވާތީ އިންކުއަރީ ކޮމިޝަންގައި ބައިވެރި ނުވެވޭނެ ކަމަށެވެ.
އިންކުއަރީ ކޮމިޝަން ގަބޫލު ނުކުރާ ކަމަށް ޝަހިންދާ ވިދާޅުވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެ ކޮމިޝަނުން ފުރިހަމަ ތަހުގީގެއް ހިންގި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.