04 Jan 2023, 14:43
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ކެމްޕެއިން ތަރުޖަމާނަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހަމަޖައްސަވައިފިއެވެ.
ރައީސް ޞާލިހުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެލައްވާ އެ ޕާޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުވަނީ މާރިޔާ ހަމަޖައްސަވައިފައިވާކަމަށް ވިދާޅުވެފައެވެ.
މާރިޔާވަނީ މީގެ ކުރިން 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ރައީސް ޞާލިހުގެ ތަރުޖަމާނުކަމުގެ މަގާމު އަދަައިކުރައްވައިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ޞާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
މިމަހު 28 ވަނަ ދުވަހު އޮންނަ އެޕާޓީގެ ޕްރައިމަރީގަައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ހިސާބުން ރައީސް ޞާލިހްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ ދޮރުން ދޮރަށް ހިނގާ، ޖަގަހަ ޖަލްސާތައް ވެސް ބާއްވަމުންނެވެ.
ނަމަވެސް، ރައީސްގެ ކެމްޕޭނުން މިހާތަނަށް އެމަނިކުފާނު ފެނިވަޑައިގެންފައެއް ނުވެއެވެ. އެހެންވެ، ނަޝީދު ގެންދަވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ކެމްޕޭން ކުރިޔަށް ގެންދަނީ އެމަނިކުފާނުގެ "ޣައިރު ހާޒިރުގަ"އެވެ.
ފާޑުކިޔުންތައް އަމާޒުވަމުން އަންނަނިކޮށް ރައީސް ޞާލިހްގެ ކެމްޕޭން ޓީމުން މިއަދު ބުނީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހަރަކާތެއް މިރޭ 9:00ގައި އެމްޑީޕީގެ މައި ހަރުގޭގައި އޮންނާނެ ކަމަށެވެ.
އެމަނިކުފާނަށް ތާއީދުކުރައްވާ ވީހާވެސް ގިނަ މެންބަރުން އެ ހަރަކާތުގައި ބައިވެރިވުމަށް ކެމްޕޭން ޓީމުން ވަނީ އެދިފައެވެ.