އެމްކިއުއޭގެ ހުއްދަ ލިބިފައިވާ އޮންލައިން ކޯސްތަކެއް ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖުން މިމަހު ފަށަން ނިންމައިފިއެވެ.

އެ ކޮލެޖުން މިއަދު ބުނީ އެމްކިއުއޭއިން ނެރުނު އީ ލާނިން ގައިޑްލައިންގެ ދަށުން ހުއްދަ ހޯދާ ވަރަށް ގިނަ އޮންލައިން ކޯސްތަކެއް މިމަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

މިހާރުވެސް ސެޓްފިކެޓް ލެވެލް 3ކުން ފެށިގެން މާސްޓާސް ޑިގްރީއާއި ހަމަޔަށް އެކި ދާއިރާތަކުން 73 ޕްރޮގްރާމެއް ހިންގަމުންދާ ޒިކުރާ ކޮލެޖްގެ ގިނަ ކޯސްތަކަކީ އޮންލައިންކޮށް ވެސް ކުރިއަށް ގެންދެވޭ ކޯސްތަކެކެވެ.

މިގޮތުން, ވިޔަފާރިއާއި ހިންގުމުގެ ދާއިރާ، އިންސާނުން ތަރައްގީ ކުރުމުގެ ދާއިރާ، އަދި އެކައުންޓިން އާއި ފައިނޭންސް ފަދަ ދާއިރާތަކަކީ އޮންލައިން މޮޑާލިޓީއަށް ކުރިއަށް ގެންދެވޭނޭ ދައިރާ ތަކެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން، އިތުރު އެއްވެސް ފީ އަކާއި ނުލާ އެ ކޮލެޖުން ބެޗެލަރސް ޑިގްރީ ނިންމާލެވެއެވެ.

މިގޮތުން އެ ކޮލެޖުން މިމަހު ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުން މިމަހު 10ގެ ކުރިންފޯމުހުށަހެޅުމަށް ވަނީ އެދިފައެވެ.

ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު އެ ކޮލެޖުގެވެބްސައިޓުންލިބެން ހުންނާނެއެވެ.

ޒިކުރާ ކޮލެޖުން މިމަހު ފެށުމަށް ހަމަޖެހިފައިވާ އޮންލައިން ކޯސްތަކާއެކު ގޭގައި ތިބެގެން ކިޔެވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެ ކޮލެޖުން ގަބޫލުކުރެއެވެ.