04 Jan 2023, 13:18
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 11،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 5،000އަށް ވުރެ ގިނަ މީހުން ޒިޔާރަތް ކުރިއެވެ. އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ އިޓަލީއިންނެވެ.
އެގޮތުން އިޓަލީއިން 2،343 މީހަކު ޒިޔާރަތްކުރިއިރު، ރަޝިޔާއިން 1،784 މީހަކު ވަނީ ޒިޔާރަތްކޮށްފައެވެ. ތިންވަނައިގައި އިންޑިއާ އޮތްއިރު، އިންޑިއާއިން 753 މީހަކު ވަނީ ޒިޔާރަތްކޮށްފައެވެ. އިންޑިއާގެ ފަހަތުން އޮތީ އިނގިރޭސިވިލާތާއި ޖަރުމަނެވެ.
މި ގައުމުތަކުން އައި ފަތުރުވެރިންގެ 69 އިންސައްތަ ފަތުރުވެރިން ރާއްޖެ އައިސް މަޑުކުރަނީ ރިސޯޓްތަކުގައެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ 19 އަތޮޅެއްގެ 168 ރިސޯޓެއްގައި 41،081 އެނދު ދަނީ ބޭނުންކުރަމުންނެވެ.
ނިމިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 131،764 ފަތުރުވެރިއަކު ވަނީ ޒިޔާރަތްކޮށްފައެވެ. މި އަހަރުގެ މި މުއްދަތުގައި އެ އަދަދަށް ވުރެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ.
ނިމިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރީ 1،675،294 ފަތުރުވެރިންނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަޑަކަށް ތިން ލައްކަ ފަތުރުވެރިންގެ އިތުރުވުމެކެވެ. މި އަހަރު ޗައިނާ މާކެޓާއި ޖަޕާނު މާކެޓުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފެށުމުން ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. ނަމަވެސް އަދި މިހާތަނަށް، ސަރުކާރުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑި ޢާންމުކޮށްފައެއް ނުވެއެވެ.