ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ވީޓީވީ އާއި ޓީވީއެމް އިން ބޭއްވުމަށް ހަމަޖައްސާފައިވާ ލަވަ މުބާރާތް ހުއްޓާލުމަށް މި ސަރުކާރުގައި ހިމެނޭ އަދާލަތު ޕާޓީ އިން އެޑިއުކޭޝަން މިނިސްޓްރީގައި އެދިއްޖެ އެވެ.

އަދާލަތު ޕާޓީ އިން އެޑިއުޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދަށް އިއްޔެ ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ލަވައަކީ އިސްލާމް ދީނުގައި ހަރާމް އެއްޗެއް ކަމަށް އިތުބާރު ހުރި ގިނަ ދީނީ އިލްމްވެރިން އިއްތިފާގުވެފައިވާ ކަމަށާއި އެފަދަ ލަވަމުބާރާތް ނުބޭއްވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ސައްތައިން ސައްތަ މުސްލިމް، ދިވެހި ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ތައުލީމު ހާސިލްކުރާ ސްކޫލް ދަރިވަރުންނާ މެދު ލަވަމުބާރާތެއް ބޭއްވުމަށް ބައެއް މީޑިޔާގެ ބައެއް ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަތަކާއިމެދު އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުން ކަންބޮޑުވާ ވާހަކަ ދެންނެވީމެވެ." ވީޓީވީ އާއި ޓީވީއެމް އިން ބޭއްވުމަށް ހަމަޖައްސާފައިވާ ލަވަ މުބާރާތަށް އިޝާރާތްކޮށް އަދާލަތުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ވީޓީވީ އިން އިންތިޒާމްކޮށްގެން "ވީޓީވީ ސްކޫލް އައިކަން"ގެ ނަމުގައި ލަވަ މުބާރާތެއް މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އިރު ޓީވީއެމް އިން އިންތިޒާމް ކޮށްގެން އިންޓަސްކޫލް ލަވަ މުބަރާތްތެއް ވެސް މިއަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ އެނގިފަ އެވެ. އަދާލުން ބުނީ އެ މުބާރާތްތައް ނުބޭއްވުމަށް އެދި އެ ދެ ޗެނަލް އަށް ވެސް އިއްޔެ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު އިޔާޒް އަބްދުލް ލަތީފް ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީތަކާ އެކު މިޔުޒިކާއި ލަވަ އާ ބެހޭ ގޮތުން ގުރުއާނާއި ސުންނަތުގެ އަލީގައި ކޮށްފައިވާ ދިރާސާގެ ކޮޕީ ވެސް ފޮނުވާފައިވާނެ ކަމަށް ވެސް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.