ހުޅުމާލޭގައި އޮތް ޕޮލިސް ކާރެއްގައި ރޯކޮށްލި މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ ވެހިކަލެއްގައި ރޯކޮށްލައިފައިވަނީ މިދިޔަ ހޯމަ ދުވަހެވެ.

އޭގައި ރޯކޮށްލީ ހުޅުމާލޭ އެޗްޑީސީ ބިލްޑިންގް ކައިރީގައި ޕާކުކޮށްފައި އޮއްވައެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ރޭ 07:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އަލިފާން ރޯވިތާ މާ ގިނައިރެއްނުވެ އަލިފާންގަނޑު ނިއްވާލާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދިވެސް ކުރަނީ އެކަން ތަހުގީގުކުރުމުގެ މަސައްކަތްކަމަށެވެ. އަދި އިތުރު ކުރިއެރުމެއް ތަހުގީގަށް ނުލިބޭކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ވެހިކަލަށާއި މަގުގައި ހުންނަ ބެރިކޭޑުފަދަ ތަކެއްޗަށް ގަސްތުގައި ގެއްލުން ދިނުމުގެ މައްސަލަތައް އަންނަނީ މަދުން ނަމަވެސް ހިނގަމުންނެވެ.