މަރުގެ މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި މުޙައްމަދު ނިޒާމްގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި މިއަދު ބާއްވާ އަޑުއެހުން ސިއްރުކުރަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނީ، މި އަޑުއެހުން ސިއްރުކުރަން ނިންމީ ފުލުހުން އެދިގެން ކަމަށެވެ.

މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރީ، ވިލިމާލެއިން ފުރި ތެޔޮބޯޓަކުން އޭނާ ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކޮށްފައިވަނިކޮށެވެ.

ފުލުހުން ވަނީ އޭނާ އާއެކު ތެޔޮ ބޯޓްގައި މަސައްކަތް ކުރާ ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ މުހައްމަދު ލިޓަން،35، ވެސް ގެއްލިގެން ހޯދަން އިއުލާނުކޮށްފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ނިޒާމްގެ މައްޗަށް ތުހުމަތު ކުރަނީ ލިޓަން މަރާލި ކަމަށެވެ.

އާދިއްތަ ދުވަހު އެ މީހުން އުޅޭ ބޯޓް ހުޅުލެ ކައިރިން ފެނުނެވެ.

އޭގެ ފަހުން މާލޭ ކެފޭއަކުން މިދިޔަ ހޯމަ ދުވަހު މީހަކަށް ނިޒާމް ފެނިގެން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ޖަހާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ، ގދ. ތިނަދޫ، މަނާރު، ނިޒާމް ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.