04 Jan 2023, 10:39
މިމަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕޭން ހަރަކާތް މިރޭ ބާއްވާނެ ކަމަށް އެމަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.
މިމަހު 28 ވަނަ ދުވަހު އޮންނަ އެޕާޓީގެ ޕްރައިމަރީގަައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ރައީސް ޞާލިހްގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންދަވަނީ ދޮރުން ދޮރަށް ހިނގާ، ޖަގަހަ ޖަލްސާތައް ވެސް ބާއްވަމުންނެވެ.
އެ އިންތިޚާބުގައި ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ރަށްރަށަށް ވަޑައިގެންނާއި، މާލޭގައި ދޮރުން ދޮރަށް ޒިޔާރަތްކޮށް، ފޯރިގަދަ ޖަލްސާތައް ބާއްވަމުންނެވެ.
އެކަމަކު، ރައީސްގެ ކެމްޕޭނުން މިހާތަނަށް އެމަނިކުފާނު ފެނިވަޑައިގެންފައެއް ނުވެއެވެ. އެހެންވެ، ނަޝީދު ގެންދަވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ކެމްޕޭން ކުރިޔަށް ގެންދަނީ އެމަނިކުފާނުގެ "ޣައިރު ހާޒިރުގަ"އެވެ.
ކަން މިހެން އޮއްވާ ރައީސް ޞާލިހްގެ ކެމްޕޭން ޓީމުން މިއަދު ބުނީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ހާއްސަ ހަރަކާތެއް މިރޭ 9:00ގައި އެމްޑީޕީގެ މައި ހަރުގޭގައި އޮންނާނެ ކަމަށެވެ. އެމަނިކުފާނަށް ތާއީދުކުރައްވާ ވީހާވެސް ގިނަ މެންބަރުން އެ ހަރަކާތުގައި ބައިވެރިވުމަށް ކެމްޕޭން ޓީމުން ވަނީ އެދިފައެވެ.
އެމަނިކުފާނާއި އަނބިކަނބަލުން މެޑަމް ފަޒްނާ އަހުމަދު، އާ އަހަރާ ދިމާކޮށް ނުރަސްމީ ދަތުރުފުޅެއްގައި މިދިޔަ ބުރާސްފަތި ދުވަހު ސްރީ ލަންކާއަށް ވަޑައިގެންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތީ ހޯމަ ދުވަހެވެ.
އެމްޑީޕީގެ 57،255 މީހުންނަށް ވޯޓުލެވޭ ޕްރައިމަރީއަށް ދެ ރައީސުން ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ވަނީ ދެކަފިވެފައެވެ.
ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާ ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ރައީސުން ވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.