އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވައިލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން، ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ދޫކޮށްލައިފިއެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ މުއިއްޒު ހިމެނޭހެން ތިން މީހެކެވެ.

އެ އެންމެން ވެސް މިހާރު ފުލުހުންގެ ހައްޔަރުންވަނީ ދޫކޮށްލައިފައެވެ.

އިދިިކޮޅުން ރޭގެ މުޒާހަރާ ވެސް ފަށައިފައިވަނީ، ސޯސަންމަގާއި މަޖީދީމަގާ ގުޅޭ ހިސާބު، އޭޑީކޭ ކައިރިންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް ބައިވެރިން ތިބީ "ފްރީ ޕްރެޒިޑެންޓް ޔާމީނު"، މިހެން ޖަހާފައިވާ ކަޅުކުލައިގެ ޓީޝާޓު ލައިގެންނެވެ.

ރޭގެ މުޒާހަރާގައި ވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އެކި މަގާމުގައި ތިއްބެވި މެމްބަރުން ވެސް މުޒާހަރާގައި ބައިވެރިވެފައިވެއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑާކުރިކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ ހަރާމް ހުކުމެއް ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގަންނަވަން މަގު ކޮށުމަށް ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށް ބުނެ އިދިކޮޅުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.