11 Apr 2012, 15:45
މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ޕީޕީއެމް ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މާޒު ސަލީމް މިއަދު ވިދާޅުވީ ފުލުހުންނަށް މައްސަލަ ހުށެޅުއްވީ އާބިޓްރޭޝަން ބިލް ގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު ބޮންޑާ ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީ ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރި މީހުންނަކީ ބާޣީންކަމަށާއި އެމީހުން ނައްތާލާނެ ކަމާއި އަދި ލަކުޑި ބުރި ހިފައިގެން ނިކުމެ އެމީހުން ތަޅާ މަރާލާނެ ކަމަށް ވިދާޅުވި އިންޒާރު ދެއްވާފައިވާތީ ކަމަށެވެ.
"މި ދުވަސްވަރަކީ ރާއްޖޭގައި ތަޅާފޮޅުމާއި މާރާމާރީ އާއި މީހުން ގަތުލު ކުރުމުގެ ދުވަސް ވަރަކަށް ވެފައި މިއޮތީ. މިކަމުގެ ބިރުވެރިކަން މުޅި ރާއްޖޭގެ ކަންކޮޅުތަކުގައި މިއޮތީ ފެތުރިފައި. މިހެން އޮތް ދުވަސްވަރެއްގައި އަޅުގަނޑަށް ދެންނެވޭނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނުތައް ހެދުމަށް ރައްޔިތުންގެ ފަރާތުން ތިއްބަވާ ބައެއް. ރައްޔިތުންގެ މަންދޫބުން މިފަދަ ވާހަކައެއް ދެއްކުމަކީ އަޅުގަނޑުމެން ދިވެހިން ބިރުވެރިކަމެއްގެ ތެރެއަށް ގޮސް ނަފްސާނީ ބަލި މަޑުކަމެއްގެ ތެރެއަށް ވެއްޓިގެން ހިނގަދާނެތީ [މި މައްސަލަ ހުށަހެޅީ]" ސަލީމް ވިދާޅުވި އެވެ.
އެނާ ވިދާޅުވީ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނީ އެ މައްސަލަ ވަގުތުން ވަގުތަށް ބަލާ ތަހުގީގު ކޮށްދިނުމަށް ކަމަށެވެ.