03 Jan 2023, 22:06
އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ހައްޔަރު ކޮށްފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ސަން" އަށް ވިދާޅުވީ، ރައީސް ޔާމީނު މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން މޭޔަރު ޑރ. މުއިއްޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މި މުޒާހަރާގެ ތެރެއިން ޖުމްލަ ތިން މީހަކު ހައްޔަރުކުރި ކަމަށް ހީނާ ވިދާޅުވިއެވެ.
އިދިކޮޅުން މުޒާހަރާ ފަށާފައިވަނީ ސޯސަންމަގާއި މަޖީދީމަގާ ގުޅޭ ހިސާބު، އޭޑީކޭ ކައިރިންނެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް ބައިވެރިން ތިބީ "ފްރީ ޕްރެޒިޑެންޓް ޔާމީނު"، މިހެން ޖަހާފައިވާ ކަޅުކުލައިގެ ޓީޝާޓު ލައިގެންނެވެ.
މިރޭގެ މުޒާހަރާގައި ވެސް އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ހިމެނޭ ބައެއް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އެކި މަގާމުގައި ތިއްބެވި މެމްބަރުން ވެސް މުޒާހަރާގައި ބައިވެރިވެފައިވެއެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، އެ ފައިސާ ލޯންޑަކުރިކަމަށް ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެއީ ހަރާމް ހުކުމެއް ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގަންނަވަން މަގު ކޮށުމަށް ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށް ބުނެ އިދިކޮޅުން އަންނަނީ އިހުތިޖާޖު ކުރަމުންނެވެ.
ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކޮށްފައި މިވަނީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ރިޔާސީ ޓިކެޓް ވެސް އަރުވައިފައި ވަނިކޮށެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ އެމަނިކުފާނަށް ގެއްލިފައެވެ.