11 Apr 2012, 14:49
މެޗުގެ ނަތީޖާ ހަމަހަމަވެ، ފުރިހަމަ ވަގުތުގެ ކުޅުން ނިމެންދަނިކޮށް އިންގްލޭންޑްގެ ފޯވާޑް އެންޑީ ކެރޯލް މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިން ލަނޑާއެކު ބްލެކްބާން އަތުން 3-2 ލަނޑުން މޮޅުވެ، ލިވަޕޫލުން މެޗް ކާމިޔާބު ކޮށްފި އެވެ.
ރޭގެ މޮޅާއެކު ލީގުގައި ލިވަޕޫލް އޮތީ ތާވާލްގެ އަށް ވަނައިގައި 46 ޕޮއިންޓް ލިބިގެންނެވެ. އަދި މެޗުން ބަލިވި ބްލެކްބާން އޮތީ ތާވަލްގެ 18 ވަނައިގައި 28 ޕޮއިންޓާއެކު އެވެ.
ލިވަޕޫލްގެ ދޯނިއަށް ދެއްކި ރަތް ކާޑާއެކު، ދިހަ ކުޅުންތެރިންނާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިންމާލަން ޖެހުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ލިވަޕޫލަށް ނަގައި ދިނީ މެޗުގެ 13 ވަނަ މިނެޓުގައި އާޖެންޓީނާގެ މިޑްފީލްޑަރު މެސީ ރޮޑރިގޭޒް އެވެ. އަދި ފުރަތަމަ ހާފުގައި ލިވަޕޫލުން ލީޑް ފުޅާކުރި ލަނޑު ވެސް މެޗުގެ 16 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވެސް އޭނާ އެވެ.
ދެ ގޯލުގެ ލީޑަކާއެކު މެޗުގެ ލީޑް ލިވަޕޫލުން ނަގާފައި ވަނިކޮށް، ރޭގެ މެޗުގައި ބްލެކްބާންއަށް ހިތްވަރެއް ލިބިގެން ދިޔައީ މެޗުގެ 36 ވަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް ޔަކޫބޫ ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުވި ހިސާބުންނެވެ. އަދި އޭނަ ވަނީ ރޭގެ މެޗުގައި ލިވަޕޫލާ ހަމަހަމަ ކުރި ލަނޑު ވެސް ބްލެކްބާންއަށް ކާމިޔާބު ކޮށްދީފައެވެ.
އެހެންނަމަވެސް 2-2 ލަނޑުން ދެ ޓީމް އެއްވަރުވެ، މެޗް ނިމެން ދަނިކޮށް ލިވަޕޫލްގެ ފޯވާޑް ކެރޯލް ކާމިޔާބު ކޮށްދިން ލަނޑާއެކު، މެޗުގެ ނަތީޖާ ނެރުނީ ލިވަޕޫލުންނެވެ.
ޕްރިމިއާ ލީގުގައި މިރޭވެސް ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.