03 Jan 2023, 19:42
ފުވައްމުލަކު ސިޓީގައި 1،000 ޓޫރިސްޓު އެނދު ގާއިމްކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާއިރު ކެމްޕެއިނުގައި ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ސިޓީގެ ދޫނޑިގަމު އަވަށުގައި، އެ އަވަށު ސަޕޯޓަރުންނާ، ރައީސް ނަޝީދު މިއަދު ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ޓޫރިސްޓު އެނދު އިތުރުކުރުމަށްވީ ވައުދު ފުއްދުމަށް ހިންގަން ޖެހޭ ސިޔާސަތުތައް މި ސަރުކާރުން ހިންގާފައި ނުވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ކަމެއް ނުހިނގާކަމަށް ވިދާޅުނުވާ ކަމަށެވެ. އެތައް ކަމެއް ހިނގައިފި ނަމަވެސް ޓޫރިސްޓު އެނދު އިތުރު ކުރުމަށްވީ ވައުދު މިއަދާ ހަމައަށް ވެސް ފުއްދުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެ ބަދަލު، އަޅުގަނޑު ދެކޭގޮތުގައި ގެނެވޭނެ. ފުވައްމުލަކުގައި އެހެން ހުރިހާ އެއްޗެއް އެބަހުރި. ތަން އެބައޮތް. ރީތިކަން އެބައޮތް. މޫސުން އެބައޮތް، ކަނޑުއަޑި އެބައޮތް. އިމާރާތް ކުރާ މީހުން އެބަތިބި. މަސައްކަތް ކުރާނެ މީހުން އެބަތިބި. އަދި އަޅުގަނޑު ދެކޭ ގޮތުގައި ފައިސާ ވެސް އެބަހުރި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިއަދު ނުކުމެ ހުންނެވީ އެ ވައުދު ފުއްދުމަށް ކަމަށެވެ.
"ފުވައްމުލަކު ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުން. އަޅުގަނޑު ނުކުމެ މިހުރީ އެ ވިޔަފާރި މިތަނުގައި ހިންގުމަށް ތިބޭފުޅުންނަށް ވައުދުވަމުން. އިރާދަކުރެއްވިއްޔާ ފުވައްމުލަކަކީ މަދުވެގެން 1،000 އެނދު، ގާއިމްކޮށްފައިވާ ސިޓީއަކަށް ހަދާކަށް އަޅުގަނޑުގެ ނަޒަރުގައި އުނދަގުލެއް ނުވާނެ،"
ރައީސް ނަޝީދު ވިދާޅުވީ އެކަމަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމް ކޮށްދޭކަަށް ވެސް އުނދަގުލެއް ނުވާނެ ކަމަށެވެ. ފުވައްމުލަކުގައި މިވަގުތު ހުރީ 262 ޓޫރިސްޓު އެނދެވެ.
މި މަހު 28ގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ރައީސް ނަޝީދުގެ އިތުރުން އެ ޕާޓީން ޕްރައިމަރީގައި ދެން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެވެ. ދެ ބޭފުޅުންގެ ކެމްޕެއިން ވެސް ފައްޓަވާފައިވާއިރު ދެ ބޭފުޅުން ވެސް ދަނީ ކެމްޕެއިން ޖަލްސާތައް ބާއްވާ، ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.