މިމަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފިއެވެ.

އެޕާޓީގެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ މިދިޔަ މަހު އާންމުކުރި ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހު، 459 މީހަކު އުނިކޮށްފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިދިޔަ ޑިސެމްބަރު މަހު އެޕާޓީން އާންމުކުރި ވޯޓާސް ލިސްޓުގައި ތިބީ 57،714 މީހުންނެވެ. އެކަމަކު، އެ ލިސްޓަށް ހުށަހެޅުނު ޝަކުވާއަށް ފަހު، މިއަދު އާންމުކުރި ލިސްޓުގައި ތިބީ 57،255 މީހުންނެވެ.

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޝަކުވާތައް ބަލާ ކޮމެޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ 457 މީހަކު އެ ލިސްޓުން އުނިކުރި ކަމަށެވެ. އެކަމަކު، މިއަދު އާންމުކުރި ލިސްޓުގައި ވަނީ 459 މީހެއްގެ ނަން އުނިކޮށްފައެވެ.

އެކަން އޮޅުންފިލުވައިދެއްވާ، "ސަން" އާ ވާހަކަދައްކަވަމުން އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބުރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގައި 457 މީހުންނޭ ދެންނެވުނު ނަމަވެސް އޭރު ހުށަހެޅިފައި އޮތީ 456 މީހެއްގެ މައްސަލަ ކަމަށެވެ.

"ތިން މީހެއް [އެ ލިސްޓުގެ އިތުރަށް] އުނިކޮށްފައި އެވަނީ، އެއީ ނިޔާވެފައި އޮތް ދެ މީހުންނާއި 2001 ވަނަ އަހަރުން ފެށިގެން ޕާޓީއަށް ކެނޑެން ސިޓީ ފޮނުވާފައި އޮތް މީހެއް"،އިބްރާހިމް ވަހީދު (އިބުރޭ)

މިދިޔަ މެއި މަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބާއި މިދިޔަ އަހަރު އެޕްރީލް މަހު ބޭއްވި ދާއިރާތަކުގެ އިންތިޚާބުގައި 93،000އަށް ވުރެ ގިނަ މެންބަރުންނަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައެވެ.

ޗެއާޕާސަންގެ އިންތިޚާބަށް ފަހު، އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރާއި އެއްގޮތް ކުރުމަށް އެޕާޓީގެ ދަފުރަތުގައި ތިބި 39،000އަށް ވުރެ ގިނަ މެންބަރުން ވަނީ ވަކިކޮށްފައެވެ.

އެކަމާ ގުޅިގެން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. މިގޮތުން އެއީ ޕްރައިމަރީ ގަޑުބަޑު ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށް އެމަނިކުފާނު ގަބޫލުކުރައްވައެވެ.

އެކަމަކު، އިބުރޭ ވަނީ އެކަން ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ޕާޓީން ވަކިކުރީ އެހެން ޕާޓީތަކުގައި ނަން އޮތް މެންބަރުންނާއި ޕާޓީން ވަކިވެފައިވާ މެންބަރުން ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަނީ އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގައި ނިޒާމާއި ގުޅޭ ގޮތުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ. ދެ ރައީސުން ވެސް މިހާރު ގެންދަވަނީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަމުންނެވެ.