03 Jan 2023, 16:50
ގަތަރުގައި ނިންމާލި ވޯލްޑްކަޕްގައި ވިދާލި އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރު އެންޒޯ ފަނާންޑޭޒްގެ ސޮއި ހޯދުމާ ގާތަށް ޗެލްސީން ޖެހިލައިފިއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާގޮތުގައި މި ހަފުތާގައި ޗެލްސީން އެންޒޯގެ ޑީލް ނިންމާނެއެވެ. އެ ޓީމުން އެންޒޯ ގެނައުމަށް 127 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގެއް ހުށަހަޅާފައިވާކަމަށް ވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާގޮތުގައި އެންޒޯ ވެސް ޗެލްސީއަށް ދިއުމަށް ވަނީ މިހާރު އެއްބަސްވެފައެވެ. އެ ޑީލްގައި މިހާރު ބާކީ އޮތީ ދެ ޓީމުގެ މެދުގައި ވާން ޖެހޭ އެއްބަސްވުން ނިންމުން އެކަންޏެވެ.
އެންޒޯއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ކުޅުންތެރިޔާއެވެ. ދުނިޔޭގެ ބޮޑެތި ކުލަބުތަކުން ދަނީ އެންޒޯއަށް ފާރަލަމުންނެވެ.
ޚާއްސަކޮށް މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ފަދަ ކުލަބުތަކުން އެންޒޯގެ ސޮއި ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އެންޒޯ ބޮޑަށް ވިދާލައިފައިވަނީ ގަތަރު ވޯލްޑްކަޕްއިންނެވެ. ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅުނު ހަތް މެޗުގެ ތެރެއިން ފަސްމެޗުގައި އުމުރުން 21 އަހަރުގެ އެންޒޯ ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފައެވެ.
އާޖެންޓީނާއާއެކު ވޯލްޑްކަޕްގެ ތަށި އުފުލާލީ އެންޒޯއަކީ ވޯލްޑްކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ.
ދެހާސް ނަވާރަވަނަ އަހަރު އާޖެންޓީނާގެ ރިވަޕްލޭޓުން ސީނިއާ ކެރިއަރު ފެށި އެންޒޯ ވަނީ އެ ޓީމަށް ކުޅެދިން 53 މެޗު ކުޅެ 12 ލަނޑު ޖަހާފައެވެ. އޭގެ ފަހުން މިއަހަރު އެންޒޯ ބަދަލުވީ ބެންފިކާއަށެވެ. އޭނާ ވަނީ ބެންފިކާއަށް 25 މެޗު ކުޅެދީ ތިން ލަނޑު ޖަހައިދީފައެވެ.