11 Apr 2012, 14:03
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ މިދިޔަ އާދިއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ހާފުގައި ސިޓީގެ އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ އާސެނަލްގެ އެލެކްސް ސޮންގަށް ކުރި ފައުލާ ގުޅިގެން ރެފްރީ ދެއްކި ރަތް ކާޑުގެ ފިޔަވައި އިތުރު ސަސްޕެންޝަނެއް އޭނާއަށް ނާންނާނެ ކަމަށް އިނގިރޭސި އެފްއޭ އިން އިއްޔެ ބުނެފި އެވެ.
ފޯވާޑް ބަލޮޓެލީއާ ބެހޭ ގޮތުން އިނގިރޭސި އެފްއޭއިން އިއްޔެ ނެރުނު ބަޔާނަކާ ހަވާލާދީ އިނގިރޭސި މީޑިއާ ތަކުގައި މިއަދު ބުނެފައި ވަނީ، މިދިޔަ އަދިއްތަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި އާސެނަލްގެ ކެމަރޫން މިޑްފީލްޑަރު އެލެކްސް ސޮންގަށް ސިޓީގެ އިޓަލީ ފޯވަޑް މާރިއޯ ބަލޮޓެލީ ކުރި ނުރައްކާތެރި ފައުލާ ގުޅިގެން އޭނާ އަށް އިތުރު ސަސްޕެންޝަނެއް ނާންނާނެ ކަމަށެވެ.
ސޮންގަށް ބަލޮޓެލީ ފައުލް ކުރީ އެމެޗުގެ 89 ވަނަ މިނެޓުގައެވެ. އެހެން ނަމަވެސް އެދުވަހުގެ މެޗަށް ފަހު ބަލޮޓެލީ ވަނީ ސޮންގަން މާފަށް އެދި ފައެވެ.
މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މިމެޗް އެ ދުވަހު 1-0 ލަނޑުން ކާމިޔާބު ކުރީ އާސެނަލްއިންނެވެ. މިމެޗުގައި އާސެނަލްއިން ލަނޑު ކާމިޔާބު ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު އާޓެޓާ އެވެ.