03 Jan 2023, 12:26
ލިވަޕޫލްއަށް ކުޅޭ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހު ސޮއިކުރި ޖާޒީއެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލިބިއްޖެއެވެ.
މިއަދު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަލާހު ސޮއިކޮށްފައިވާ ޖާޒީއެއް ލިބުމުން ވަރަށް އުފާވާކަމަށެވެ.
މީގެއިތުރުން އެ ޖާޒީގައި ސޮއިކުރީތީ ރައީސް މައުމޫން ވަނީ ސަލާހަށް ޝުކުރު ވެސް އަދާކޮށްފައެވެ.
އެ ޓްވީޓުގައި ރައީސް މައުމޫން އިތުރަށް ވިދާޅުވީ ސަލާހަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާކަމަށެވެ. އަދި އެ ޖާޒީ ރައީސް މައުމޫނާ ހަވާލުކޮށްދެއްވި ސަމާއު ސައީދަށް ވެސް ރައީސް މައުމޫން ވަނީ ޝުކުރު އަދާކޮށްފައެވެ.
Thank you so much M.Salah@MoSalahfor your signed shirt which I will deeply treasure. You are indeed one of the best football players in the world today. Also, thank you Simaau@TheKopKid8for handing it over to me.@LFCpic.twitter.com/r5m9hAbGv6
— Maumoon Abdul Gayoom (@maumoonagayoom)January 3, 2023
ރައީސް މައުމޫނަކީ ފެށުނީއްސުރެ ލިވަޕޫލަށް ވަރަށް ބޮޑަށް ސަޕޯޓު ކުރައްވާ ބޭފުޅެކެވެ. ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ލިވަޕޫލަށް ސަޕޯޓުރުއްވައި އެމަނިކުފާނު އެއްޗިހި ލިޔުއްވާފައިހުރެއެވެ.
ނަމަވެސް އުމުރުފުޅުން 84 އަހަރުގެ ރައީސް މައުމޫނަކީ ހަމައެކަނި ސޯޝަލް މީޑިއާގެ ސަޕޯޓަރެއް ނޫނެވެ. ގަވާއިދުން މެޗުތައް ބައްލަވައެވެ. އަދި ސަޕޯޓަރުންގެ ވައިބާ ގްރޫޕުގައި ޒުވާނުންނާ ބައިވެރިވެވަޑައިގެން، ކާމިޔާބާއި ނާކާމިޔާބީތަކުގެ އިހުސާސްތައް ހިއްސާކުރައްވައެވެ.
ބައެއް ފަހަރު ލިވަޕޫލުގެ ސަޕޯޓަރުންނާ އެކު ބައެއް މެޗުތައް ވެސް ބައްލަވާ ހައްދަވާ މައުމޫން ވަނީ ލިވަޕޫލްގެ ކުރީގެ ވައިސް ކެޕްޓަން ޑެންމާކުގެ ޑިފެންޑަރު ޑެނިއަލް އެގާ ރާއްޖެ އައުމާއެކު ކުރިއަށް ގެންދިޔަ ލިވަޕޫލު ސަޕޯޓަރުންގެ ޚާއްސަ އިވެންޓެއްގައި ވެސް ބައިވެރިވެ ވަަޑައިގެންފައެވެ.