03 Jan 2023, 12:40
ތެހެރާން (3 ޖަނަވަރީ 2023): އީރާނަށް އިސްވެ ހަމަލާދޭނެކަމަށް ބުނެ އިސްރާއީލުން އެންމެފަހުން ދިން ހަރުކަށި އިންޒާރުތަކަށް އީރާނުން ވަރަށް ފިނި ރައްދެއްދީފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަންޢާނީ ވިދާޅުވީ އީރާނަށް އިސްވެ ހަމަލާދިނުމުގެ ފަންނީ އަދި އަސްކަރީ ގާބިލްކަން އިސްރާއީލުގެ ކިބައިގައި ނެތްކަމަށެވެ. އިސްރާއީލަށް ކުރެވޭނެ ކަމަކީ ފަލަސްތީނުގެ ހަތިޔާރެއް ނެތް ނިކަމެތި ރައްޔިތުންނަށް ފިނޑި ހަމަލާތައްދީ އެމީހުން ޝަހީދުކުރުން ކަމަށާއި ބާރުގަދަ ފަރާތަކާ ދެކޮޅަށް ހިޔަނި އަޅާލަންވެސް އިސްރާއީލަށް ނުކެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނަށް ހަމަލާދީފިނަމަ އީރާނުގެ ރައްދުގެ ބާރުގަދަވާނެކަމާއި އޭގެ ވޭންދެނިވިކަން އިސްރާއީލަށް ވަރަށް ރަނގަޅަށް އެނގޭނެތީ އީރާނަށް ހަމަލާދޭން އިސްރާއީލަށް ނުކެރޭނެކަމަށް ވެސް ވިދާޅުވިއެވެ.
"އިސްރާއީލުގެ އިންޒާރުތަކަކީ ފޭކެއްކަމާ އަދި ބިލާހެއް،" ކަންޢާނީ ވިދާޅުވިއެވެ.
އީރާނަށް ހަމަލާއެއް ދީފިނަމަ އެކަމުގެ ނަތީޖާއެއްގެ ގޮތުން އިސްރާއީލަށް ކުރިމަތިވާނެ ވަރުގަދަ ޙަމަލާތަކާ ކުރިމަތިލާނެ ހިތްވަރާއި ފަންވަރު އަދި އީރާނުގެ ރައްދު ހަމަލާތަކުން ދިފާއުވެވޭވަރުގެ އަސްކަރީ ގާބިލްކަން އިސްރާއީލުގައި ނެތްކަމަށް ކަންޢާނީ ވިދާޅުވިއެވެ.
އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކުލަވާލެއްވި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ސަރުކާރު އެގައުމުގެ ވެރިކަމާ ހަވާލުވުމާއެކު އިސްރާއީލުގެ ސިފައިންގެ ވެރިޔާ އަދި އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް އެވިވް ކޮޚާވީ ވަނީ އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ހަމަލާދިނުމަކީ އެގައުމުގެ އައުސަރުކާރުގެ އެންމެ އިސް ލަނޑުދަނޑި ކަމަށް ހަދާފައިވާކަމަށް ވިދާޅުވެ އެކަމަށް އިސްރާއީލުގެ އަސްކަރިއްޔާ ތައްޔާރުކުރުމަށްޓަކައި އިސްރާއީލުގެ އަސްކަރީ ބަޖެޓަށް 2.8 ބިލިޔަން ޑޮލަރު އިތުރުކޮށްދިނުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައެވެ.

އިސްރާއީލުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އެވީވް ކޮޚާވީ
ޖެނެރަލް ކޮޚާވީ މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު މިދިޔައަހަރު އޭނާވަނީ އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ހަމަލާދިނުމަށް ބޭނުންވާ ވަރަށް އިސްރާއީލުގެ އަސްކަރިއްޔާ ތައްޔާރުކުރުމަށް އަދި ތިން އަހަރު ބޭނުންވާކަމަށް ވިދާޅުވެ ބަޔާނެއް ދެއްވާފައެވެ.
އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކާއި ހަތިޔާރުގެ ކާރުޚާނާތަކަށް އިސްވެ ހަމަލާދީ އެތަންތަން ހަލާކުކޮށްލާނެކަމަށް ބުނެ އިސްރާއީލުގެ އެކި ފެންވަރުގެ މަސްއޫލުވެރިން އިންޒާރުތައް ދެއްވަމުން ގެންދަވާތާ ވިއްސަކަށް އަހަރުވެފައިވެއެވެ. ނަމަވެސް މިދިގުމުއްދަތުގައި މިފަދަ އެއްވެސް ހަމަލާއެއް އީރާނަށް ދޭން އިސްރާއީލަށް އެއްވެސް ވަރަކަށް ކެރިފައެއް ނުވެއެވެ.
އެހެންކަމުން އިސްރާއީލުގެ މަސްއޫލުވެރިން އީރާނަށް ދެއްވާ އިންޒާރުތަކަކީ އިސްރާއީލުގެ އާންމުންގެ ތާއީދުހޯދުމަށްޓަކައި ދެއްވާ މާބޮޑު ބުރަދަނެއްނެތް ސިޔާސީ ބަޔާންތަކެއްކަމަށް ޚުދު އިސްރާއީލުގެ ބައެއް ނޫސްތަކުންވެސް ސިފަކުރެއެވެ.
އިސްރާއީލުން އީރާނާ ދެކޮޅަށް މިހާތަނަށް ހިންގާފައިވަނީ އީރާނުގެ އެތެރޭގައި ބޮންގޮއްވުމާއި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުން މެރުންފަދަ ޓެރަރިސްޓް ހަރަކާތްތައްކަމަށް އީރާން ބުނެއެވެ. މިފަދަ ޓެރަރިސްޓް ހަރަކާތްތައް އިސްރާއީލުން ހިންގަނީ އީރާނުގެ ސަރުކާރާ އިދިކޮޅު ފަރާތްތައް ރެކްރޫޓްކޮށްގެން އެމީހުންނަށް ފައިސާދީގެންކަމަށް އީރާނުން ބުނެއެވެ. އީރާނުން ގެންދަނީ މިފަދަ ޓެރަރިސްޓް އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ޝަރީއަތް ހިންގުމަށްފަހު އެމީހުންނަށް މަރުގެ އަދަބު ދެމުންނެވެ.
ނަމަވެސް ގަލްފާއި ރަތްކަނޑާ އަދި އަރަބި ކަނޑުގައި ދަތުރުކުރާ އީރާނުގެ މަދަނީ އާގުބޯޓުތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައިވަނީ އިސްރާއީލު ކަމަށް އީރާނުން ތުހުމަތު ކުރެއެވެ. މިތުހުމަތުތަކަށްފަހު ގޮތްނޭނގޭ ޑްރޯން ހަމަލާތައް ގަލްފާއި ރަތްކަނޑާ އަދި އަރަބި ކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ އާގު ބޯޓުތަކަށްވެސް އަރަމުން ދެއެވެ. ދާދިފަހުންވެސް އިސްރާއީލުގެ އާގު ބޯޓަކަށްވަނީ ގޮތްނޭނގޭ ޑްރޯން ހަމަލާއެއް އަރާފައެވެ.
އިސްރާއީލުގެ އާގު ބޯޓުތަކަށް އަރަނީ އީރާނުގެ ބަދަލުހިފުމުގެ ހަމަލާތައް ކަމަށް އިސްރާއީލުން ތުހުމަތު ކުރެއެވެ. އިސްރާއީލުން އިރާގާއި ސޫރިޔާފަދަ އަރަބި ގައުމުތަކުގެ ނިއުކްލިޔާ ސައިޓް ތަކަށް ހަމަލާދީފައިވަނީ އެކަންކުރާނެކަމުގެ އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށެވެ. އަދި ހަމަލާދިނުމަށްފަހުވެސް އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.
އެހެންކަމުން ތަޖުރިބާކާރުން ވިދާޅުވާގޮތުގައި އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވާނަމަ ދުރާލައި އެވާހަކަދައްކައި އެކަމުގެ އިންޒާރެއް ނުދޭނެއެވެ. އިންޒާރުދެނީ އެކަންކުރަން ނުކެރޭތީ ސިޔާސީގޮތުން އިސްރާއީލުގެ ރައްޔިތުން ގެ ތާއީދު ހޯދުމަށް ސިޔާސީ ގޮތުން ކުރާކަމެއްގެ ގޮތުގައެވެ.
އީރާނުން ވަނީ އެގައުމުގެ އެއްވެސް ތަނަކަށް އިސްރާއީލުން ހަމަލާދީފިނަމަ އޭގެރައްދުގައި އިސްރާއީލުގެ މައި ނިއުކްލިޔާ މަރުކަޒާ އަދި އިގްތިސާދީ މަރުކަޒުތައް ހިމެނޭގޮތަށް އިސްރާއީލުގެ ބޮޑުބައެއް ބިމާ ހަމަކޮށްލާނެކަމުގެ އިންޒާރު އެތަށްފަހަރަކު ދީފައެވެ. އީރާނަކީ އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ހަމަލާދެވޭވަރުގެ ދުރުރާސްތާގެ ބަލިސްޓިކް މިސައިލާއި ކްރޫޒް މިސައިލް އަދި އަސްކަރީ ޑްރޯން އަމިއްލައަށް އުފައްދާ ގައުމެކެވެ.
އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ހަމަލާދޭނެކަމަށް ބުނެ އިސްރާއީލުން އިންޒާރުތައް ދެމުން ގެންދާތާ ވިއްސަކަށް އަހަރު ވެފައިވާއިރު މިމުއްދަތުގައި އީރާންވަނީ ނިއުކްލިޔާ ޓެކްނޮލޮޖީ އިންތިހާއަށް ތަރައްގީކޮށް ބޭނުންވެއްޖެނަމަ ނިއުކްލިޔާ ހަތިޔާރު އުފެއްދޭ މިންވަރަށް ނިއުކްލިޔާ ސެންޓްރިފިއުޖްގެ މަސައްކަތާއި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ.
އީރާނުގައި މިހާރު ނިއުކްލިޔާ ހަތިޔާރު ނެތްކަން ކަށަވަރުކޮށްދިނުމަށް އެމެރިކާއާއި އިންޓަނޭޝަނަލް އެޓަމިކް އެނާޖީ އެޖެންސީވަނީ ފަސްޖެހިފައެވެ.