03 Jan 2023, 10:06
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރެއްވުމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކަށް ވަޑައިގެންފިއެވެ.
އަންނަ މަހުގެ 28ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ދެކޮޅަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާ، ނަޝީދު ވަނީ ރަސްމީކޮށް ކެމްޕޭން ފައްޓަވައިފައެވެ.
"ފިކުރެއްގެ ދިރުން" ޝިއާރުގެ ދަށުން ކުރިޔަށް ގެންދާ ކެމްޕޭނަށް އެމަނިކުފާނު އެންމެ ފުރަތަމަ، މިދިޔަ ޑިސެމްބަރު މަހު ވަޑައިގަންނަވައިފައިވަނީ އުތުރުގެ ތިން އަތޮޅަކަށެވެ. އެމަނިކުފާނު ވަނީ، ހއ، ހދ، އަދި ށ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ.
އެއަށް ފަހު، މާލެ ވަޑައިގެން ރޭ ވަނީ ފޯރިގަދަ ޖަލްސާއެއް ބާއްވައިފައެވެ. އެމަނިކުފާނުގެ ކެމްޕޭން ޖަލްސާތަކުގައި ގެންދަނީ ސަރުކާރާއި ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ނަޝީދު ފުވައްމުލަކަށް ފުރާވަޑައިގެންފައިވަނީ މިއަދު ހެނދުނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހު 28ގައި ބާއްވާއިރު، އެޕާޓީ ތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، ދެ ރައީސުން ގެންދަވަނީ ވަރަށް ބޮޑަށް އަރާރުންވަމުންނެވެ.
އެގޮތުން، ޕްރައިމަރީއާ ގުޅިގެން އެމްޑީޕީގައި ތިބި 39،000އަށް ވުރެ ގިނަ މެންބަރުން ވަކިކޮށްފައިވާ ކަމަށް ބުނެ، ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ޕާޓީން ވަކިކޮށްފައިވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ކަމަށާއި ސަރުކާރުން އުޅެނީ ޕްރައިމަރީ ގަޑުބަޑު ކުރަން ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވައިފައެވެ.
އެކަމަކު، ރައީސް ޞާލިހަށް ތާއީދުކުރައްވާ މެންބަރުންނާއި އިންތިޚާބަށް އެމްޑީޕީން އެކުލަވާލި ކޮމެޓީން ވެސް ވަނީ އެކަން ދޮގު ކޮށްފައެވެ.
އިންތިޚާބާއި ގުޅިގެން އެޕާޓީން އެކުލަވާލި ފަސް މެންބަރުންގެ ކޮމެޓީން އިއްޔެ ބުނެފައިވަނީ ޕާޓީގެ ދަފުތަރު އިސްލާހު ކުރީ ސިއްރުން ނޫން ކަމަށާއި އެކަން ކޮށްފައިވަނީ އިންސާފުވެރިކޮށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.