03 Jan 2023, 09:31
މިއުޒިކާއި މިއުޒިކްގެ ޕޮލިޓިކްސްގެ އެންމެ ބޮޑު މެގަޒިން ކަމަށްވާ "ރޯލިން ސްޓޯންސް" އިން ތާރީހުގެ އެންމެ މޮޅެތި ލަވަކިޔުންތެރިންގެ ލިސްޓެއް ހެދިއިރު އެއިން ބޮޑެތި ތަރިންތަކެއް ފެންނަން ނެތް މައްސަލައެއް ހޫނުވެއްޖެއެވެ.
ރޯލިން ސްޓޯންސް އިން ދާދިފަހުން ވަނީ "200 ގްރޭޓެސްޓް ސިންގާސް އޮފް އޯލް ޓައިމް"ގެ ނަމުގައި ލިސްޓެއް ހަދައި އާންމުކޮށްފައެވެ. މި ލިސްޓުގައި ތާރީހުގެ ތެރޭގައި ބޮޑެތި ކާމިޔާބީތައް ހޯދައި މިއުޒިކަށް އިންގިލާބީ ބަދަލުތައް ގެނެސްފައިވާ އާޓިސްޓުންގެ އިތުރުން ޒުވާން ތަރިންވެސް ހިމެނެއެވެ.
ނަމަވެސް މައްސަލަ ހޫނުވެފައިވަނީ މިހާރު ގިނަ އައިކޮނިކް ތަރިންގެ ތެރޭގައި ހިމެނޭ ބައެއް މުހިއްމު ތަރިންތައް ނެތި އަރަމުން އަންނަ ތަރިންތަކެއް ލިސްޓުގައި ހިމަނާފައި ވުމުންނެވެ. އެގޮތުން ބްރިޓްނީ ސްޕިއާސް އާއި ސެލީން ޑިއޯން ފަދަ މިއުޒިކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާ އާޓިސްޓުން ލިސްޓުގައި ފެންނަން ނެތުމުން ގިނަ ބައެއްގެ މެދުގައި ވަނީ ލިސްޓަށް ފާޑު ކިޔުން ރައްދުވެފައެވެ.
ލިސްޓުގައި ޒުވާން ތަރިން ކަމަށްވާ ރޮޒަލިއާ އާއި ސީޒާ ފަދަ ތަރިންތައް ހިމެނި މިއުޒިކަށް ގިނަ ހިދުމަތްތައް ކޮށްފައިވާ ތަރިން ނެތުމަކީ ވަރަށް ގޯސް މައްސަލައެއް ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ ރޯލިން ސްޓޯންސްއަށް ރައްދުވެފައެވެ. އަދި ލިސްޓުގެ ބައެއް ތަރިންގެ ތަރުތީބު ވެސް ރަނގަޅު ނޫން ކަމަށް ބުނެ އަންނަނީ ލިސްޓަށް ފާޑު ކިޔަމުންނެވެ.
ރޯލިން ސްޓޯންސްގެ އެންމެ މޮޅު ލަވަކިޔުންތެރިންގެ ލިސްޓުގެ އެއްވަނައިގައި ހިމެނެނީ އާރުއެންބީ ލަވަކިޔުންތެރިޔާ އެރީތާ ފްރެންކްލިންއެވެ. ލިސްޓުގެ ދެވަނައިގައި ވިޓްނީ ހިޔޫސްޓެން ހިމެނޭއިރު ތިންވަނައިގައި ހިމެނެނީ ސޭމް ކުކްއެވެ. ލިސްޓުގެ ހަތަރު ވަނައިގައި ބިލީ ހޮލިޑޭ ހިމެނޭއިރު ފަސްވަނައިގައި ހިމެނެނީ މަރާޔާ ކޭރީއެވެ. ލިސްޓުގެ އެންމެ ގަދަ ފަހެއްގެ ތެރޭގައި މިވަގުތު ދުނިޔޭގައި ހުރީ ހަމައެކަނި ކޭރީއެވެ.