04 Jan 2023, 11:13
ޗައިނާއިން ހަނދުގައި ދާއިމީ މަރުކަޒުތައް ގާއިމު ކުރުމަށްފަހު ހަނދު އަމިއްލަކޮށްފާނެ ކަމަށާއި، އެ ދާއިރާއިން ޗައިނާ ކުރިއަރައިގޮސް އެމެރިކާ ބަލިކޮށްފިނަމަ ހަނދުން ޖާގައެއް ހޯދުމަށް ޗައިނާގެ ފައިބުޑަށް ދާންޖެހިދާނެކަމުގެ އިންޒާރު ނާސާގެ ވެރިޔާ ދެއްވައިފިއެވެ.
އެމެރިކާގެ ޖައްވީ އިދާރާއާ 2021 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ބިލް ނެލްސަން ވިދާޅުވީ އެމެރިކާއިން ޗައިނާއާއެކު އާ ޖައްވީ ރޭހެއް ކުރިއަށްދާ ކަމަށާއި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ވާދަވެރި ޖިއޮޕޮލިޓިކަލް ޓެންޝަންތައް ހަނދާ ހަމައަށް ވެސް ފޯރާނެ ކަމަށެވެ.
"އެއީ ހަގީގަތެއް، އަހަރެމެން މިތިބީ ޖައްވީ ރޭހެއްގައި،" ނެލްސަން ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގެ ކުރީގެ ކޮމާންޑަރު ޓެރީ ވިރޓްސް ވެސް ވަނީ ޗައިނާގެ ފަރާތުން "ޕޮޓެންޝަލް މަކަރާއި ހީލަތް" ހަދަމުންދާތަން ފެންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މި ވާހަކަތައް ދެއްކެވީ ޗައިނާގެ ޖައްވީ ޕްރޮގްރާމްގެ މިހާރުގެ ހާލަތު ތަފްސީލުކޮށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ދާދި ފަހުން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝާއިއުކުރި 196 ސަފުހާގެ ރިޕޯޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނިޔަތުގެ އިތުރުން ޗައިނާއާއި އެމެރިކާއާ ދެމެދު ދެވަނަ ޖައްވީ ރޭހެއް ބޭއްވުމުގެ ފުރުސަތު އޮތް މިންވަރު ވެސް ލަފާކޮށްފައިވެއެވެ.
މިއީ ބާރުގަދަ އަދި ތަނަވަސް ޗައިނާއެއް ގާއިމް ކުރުމަށް ރައީސް ޝީ ޖިންޕިންގެ ދެކެމުން އަންނަ ހުވަފެން ‘ޗައިނާ ޑްރީމް’ ގެ ބައެއް ކަމުގައި ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
"ޗައިނާއިން ދަނީ ސެޓެލައިޓް އިންސްޕެކްޝަން އާއި މަރާމާތު ފަދަ އެހެން ތަޖުރިބާކާރު ސްޕޭސް ބޭސްޑް ކެޕޭސިޓީތައް ތަރައްގީ ކުރަމުން. އެންމެ ކުޑަމިނުން އެމީހުންގެ މި ޤާބިލު ކަންތައްތައް ހަތިޔާރެއްގެ ގޮތުގައި ވެސް ބޭނުން ކޮށްފާނެ." ރިޕޯޓުގައިވެއެވެ
ޗައިނާއިން ދަނީ ސައިންސްގެ ދާއިރާއިން އެމީހުން ހޯދަމުންދާ ކުރިއެރުންތައް ދުނިޔެއަށް ސިއްރުކޮށް މަކަރާ ހީލަތުން އޮޅުވާލުމުން ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
ވޮޝިންޓަންގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނަކު ވިދާޅުވީ، އެމެރިކާގެ ބައެއް އޮފިޝަލުން ޒިންމާދާރުކަން ކުޑަ ގޮތަކަށް ވާހަކަ ދައްކައިގެން ޗައިނާގެ އާންމު އަދި ޝަރުއީ ޖައްވީ މަސައްކަތްތައް އޮޅުވާލާފައިވާ ކަމަށެވެ.
ޗައިނާއިން ދަނީ ސްޕޭސް، އަދި ޖައްވީ ދާއިރާގައި އިންސާނުންނަށް ހިއްސާކުރެވޭ މުސްތަގުބަލެއް އޮތް ކޮމިއުނިޓީއެއް ބިނާކުރުމަށް ހީވާގިކަމާއެކު މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.