02 Jan 2023, 23:02
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނެ ކަމުގެ ޔަގީންކަށް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވާއިރު ކެމްޕެއިންގެ ތެރެއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ, ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި، މުޅި މާލެއާއި ރާއްޖެ ބިކަވެދާ ގޮތަށް ދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. އަދި ތަނަވަސް ޖާގައިގައި, ރީތި ދިރިއުޅުމެއް އުޅެވޭނެ ގޮތަކަށް ސިޔާސަތު ތަންފީޒު ކުރެވެންވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިން ތަނަވަސް ބޮޑެތި ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެމަނިކުފާން ވިދާޅުވީ ކޮމަންޑޫއަށް ކުރެއްވި ދަތުރުގައި ވެސް އެ މައްސަލަ ފާހަގަވެގެން ދިޔަކަމަށެވެ.
"އަޅުގަނޑު މިއައީ ކޮމަންޑޫއިން. އެ ވެސް ކުޑަކުޑަ ރަށެއް. ނަމަވެސް ވަށައިގެން ހިއްކާލެވިފައި އެބައޮތް. އެތަނުގައި ވެސް ގޯތިގެދޮރުގެ މައްސަލަ އެއީ އެންމެ ބޮޑު އެއް މައްސަލަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ގިނަ މެމްބަރުން ސަރުކާރާ މެދު ނުރުހުން ފާޅުކުރަނީ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ސަރުކާރާ ނުރުހި، ދުރަށްދާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިމިއޮތީ ބޯހިޔާވަހިކަމުގެ މައްސަލަ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މިއަދު ސަރުކާރުން އެންމެ އިސްކަމެއް ދޭން ޖެހިފައިވާ އެއް ކަންތައް ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ރައްޔިތުންނަށްވީ އެ ވައުދު ނުފުއްދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ކުރިމަތިލާ މިފަހަރުވެސް މި ހުރީ ފްލެޓް ދޮންބެ، އަޅުގަނޑަށް ކުރަން އެނގޭ ކަމެއް، އަދި އަޅުގަނޑުމެންނަށް މި މަސައްކަތް ހިންގޭނެ، އެއީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން"، ރައީސް ނަޝީދު ވިދާޅުވިއެެވެ.
މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އަވަދިނެތި އުޅުއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
މި މަހު 18ގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ރައީސް ނަޝީދުގެ އިތުރުން އެ ޕާޓީން ޕްރައިމަރީގައި ދެން ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެވެ. ދެ ބޭފުޅުންގެ ކެމްޕެއިން ވެސް ފައްޓަވާފައިވާއިރު ދެ ބޭފުޅުން ވެސް ދަނީ ކެމްޕެއިން ޖަލްސާތައް ބާއްވާ، ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ.