ޑައިރެކްޓަރު ޝަޝާންކްގެ ފިލްމު "ސްކްރޫ ދީލާ"އާބެހޭގޮތުން މަސްހުނި ޚަބަރުތަކެއް ފެތުރިފައިވަނިކޮށް ފިލްމުގެ ކާސްޓުންނަށް ބޮޑު ބަދަލެއް ގެނެސްފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމުގެ މުހިއްމު ރޯލްއިން ފެނިގެންދާ ލީޑް ބަތަލާގެ ރޯލްއަށް މުޅީން އާ މޫނެއް ގެންނަން ނިންމާފައިވާއިރު ފިލްމުގެ މަސައްކަތް މެދުކަނޑާލީކަމެއް ނުވަތަ ކުރިޔަށްދާކަމެއް ވެސް ޔަޤީންކޮށް ބުނަން ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން ޚަބަރު ފެތުރުނުގޮތުން ޓައިގާއާއެކު ފިލްމުން ފެނިގެންދާނީ ސައުތް ސިނަމާގެ ބަތަލާ ރަޝްމިކާ މަންދަންނާއެވެ. ނަމަވެސް ރަޝްމިކާގެ ބަދަލުގައި ފިލްމުން ފެނިގެން ދާނީ ބޮލީވުޑަށް ތަޢާރަފްވުމުގެ ތައްޔާރީތައް ވަމުން އަންނަ ޝަނާޔާ ކަޕޫރުކަމަށް ފިލްމާ ގުޅުންހުރި ފަރާތްތަކުން މީޑިއާއަށް ވަނީ ލީކުކޮށްފައެވެ. ޝަނާންޔާ ކަޕޫރަކީ ކުރީގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅެވެ.

"ސްކްރޫ ދީލާ" ޕްރޮޖެކްޓާއި ގުޅުންހުރި ފަރާތަކުން ވަނީ ބަތަލާ ރަޝްމިކާގެ ބަދަލުގައި ފިލްމަށް ޝަނާޔާ ގެންނަން ނިންމާފައިވާ ކަމަށް ބޮލީވުޑް ހަންގާމާއަށް ކަށަވަރުކޮށްދީފައެވެ.

ރަސްމީކޮށް ޝަނާޔާ ފިލްމަށް ސޮއިކޮށްފައި ނެތްނަމަވެސް ފިލްމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ރަސްމީކޮށް ނެރޭއިރު މި ޚަބަރުވެސް އިޢުލާނުކުރާނެކަމަށް އެ ފަރާތުން ވަނީ ބޮލީވުޑް ހަންގާމާއަށް މަޢުލޫމާތުދީފައެވެ.

ފިލްމަށް ޝަނާޔާ ގެންނަން ނިންމާފައިވަނީ، މީގެކުރިން ޝަނާޔާ ބޮލީވުޑަށް ތަޢާރަފްކުރުމަށް ދަރްމާއިން ލޯންޗުކުރި ފިލްމު "ބޭ ދަޅަކް"ގެ މަސައްކަތް ހުއްޓިފައިވުމާއެކުކަމަށް އެ ފަރާތުން ވަނީ މަޢުލޫމާތުދީފައެވެ. ފިލްމު "ބޭ ދަޅަކް"އަކީ ޝަނާޔާގެ އިތުރުން ލަކްޝްޔާ ލަލްވާނީ އަދި ގުރްފަތޭހް ޕިރްޒާދާ ވެސް ބޮލީވުޑަށް ލޯންޗުކުރުމަށް އިޢުލާނުކުރި ފިލްމެވެ. މި ފިލްމުގެ މަސައްކަތް މެދުކެނޑެން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ފަހަކަށް އައިސް ކާމިޔާބު ޑައިރެކްޓަރު ޝަޝާންކް އުފައްދާ ގިނަ ފިލްމުތަކަށް މައްސަލަތައް ކުރިމަތިވުމަކީ ޢާއްމުކަމެކެވެ. ދާދި ފަހުން ރިލީޒްވި ފިލްމު "ގޯވިންދާ ނާމްހެ މޭރާ"އަކީ މިގޮތަށް މައްސަލަތަކެއް ކުރިމަތިވެ ފިލްމުގެ ކާސްޓުން ބަދަލުކުރަންޖެހުނު ފިލްމެކެވެ. އެފިލްމުގެ ލީޑް ރޯލް ކުޅެން އެންމެ ފުރަތަމަ ހަމަޖެހުނީ އެކްޓަރު ވަރުން ދަވަންއެވެ. ނަމަވެސް ފަހުން އެރޯލް ކުޅެން ހަމަޖެއްސީ އެކްޓަރު ވިކީ ކޯޝަލްއެވެ.

އުއްމީދަކީ ކުރިޔަށް އޮތް އެކްޝަން ފިލްމު "ސްކްރޫ ދީލާ"އަށް އިތުރު މައްސަލަތައް ކުރިމަތިނުވެ ފިލްމު ބެލުންތެރިންނާ ހަމައަށް އައުމެވެ. ޝަޝާންކް ގެނެސްދީފައިވާ ރީތި ފިލްމުތަކުގެތެރޭގައި، "ދަޅަކް"، "ހަމްޕްޓީ ޝަރްމާކީ ދުލްހަނިޔާ"، "ބަދްރީނާތްކީ ދުލްހަނިޔާ" އަދި "ގުޑް ނިވްސް" ހިމެނެއެވެ. އެކްޓަރު ޓައިގާ ޝްރޮފްގެ ކުރިޔަށްހުރި ފިލްމީ މަސައްކަތްތަކުގެތެރޭގައި، ފިލްމު "ގަންޕަތް" އަދި "ބަޅޭ މިޔާން ޗޯޓޭ މިޔާން" ހިމެނެއެވެ.