ރާއްޖޭގެ މަޝްހޫރު އެއާލައިން މެގަމޯލްޑިވްސް އިން އެ އެއާލައިންގެ މަތިންދާ ބޯޓްތަކުގައި މަސައްކަތް ކުރުމަށް ކެބިން ކްރޫންގެ ހަތަރު ވަނަ ބެޗެއް އިފުތިތާހުކޮށްފި އެވެ.

މެގަމޯލްޑިވްސް އިން ވަނީ ކެބިން ކްރޫންގެ ހަތަރު ވަނަ ބެޗް އިފްތިތާހު ކުރުމަށް ސެންޓްރަލް ހޮޓަލުގައި މިއަދު ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ. އެ ހަފުލާގައި މެގަމޯލްޑިވްސްއާ އަލަށް ގުޅުނު ކެބިން ކްރޫންނާއި އާއިލާތައް ސްޓާފުންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުން އޮތެވެ.

މެގަމޯލްޑިވްސް އިން ބުނީ އަލަށް ވަޒީފާ ދިން ކެބިން ކްރޫންގެ ތަމްރީނު ޕްރޮގްރާމް މިމަހުގެ 15 ވަނަ ދުވަހު ފަށާނެ ކަމަށާއި ޓްރޭނިންގައި ބައިނަލް އަގުވާމީ ސެޓްފިކެޓް ހާސިލުކޮށްފައިވާ ޕްރޮފެޝަނަލް ޓްރޭނަރުން ހަރަކާތްތެރިވާނެ ކަމަށެވެ.

މެގަމޯލްޑިވްސްއާ މިފަހަރު ގުޅުނު 27 މުވައްޒަފުންނާ އެކު އެކުންފުނީގައި މިހާރު 94 ކެބިންކްރޫއިން އެބަތިއްބެވެ. އޭގެ ތެރެއިން 60 ޕަސެންޓަކީ ދިވެހިން ކަމަށް އެ އެއާލައިނުން ބުންޏެވެ. މެގަ މޯލްޑިވްސްއިން ވަނީ މިދިޔަ އަހަރު 31000 ދަތުރުވެރިން އުފުލާފައެވެ. އަދި އަންނަ އަހަރު އެ އެއާލައިނުން ދަތުރުކުރާ މީހުންގެ އަދަދު 70،000 އަށް ވުރެ މަދު ނުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.