02 Jan 2023, 22:16
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓުން އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް 457 މީހުން ވޯޓާސް ލިސްޓުން އުނިކުރުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެމްޑީޕީން މިދިޔަ ޑިސެމްބަރު މަހު އާންމުކުރި ވޯޓާސް ލިސްޓުގައި ތިބީ 57،714 މީހުންނެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި، އީސީގެ ދަފްތަރުގައި ތިބީ 57،257 މީހުން ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު 'ސަން' އަށް ވިދާޅުވިއެވެ.
މި މަހު 18ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ބަލާ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ, ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެ 457 މީހުންނާ ގުޅޭ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޝަކުވާ ބެލައިގަތުމަށްފަހު އެ މީހުން ވޯޓާސް ލިސްޓުން އުނިކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ޑިސެމްބަރު 18 އާ ހަމައަށް މެންބަރުންގެ ގޮތުގައި ނެތް މެންބަރުންގެ ނަން ދާއިމީ ލިސްޓުން އުނިކުރަން ކޮމިޓީއިން މި ނިންމީ، އެގޮތަށް ޝަކުވާ ކުރައްވާފައިވާތީ،" އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
އެކަމުގެ ތަފްސީލު ދެއްވަމުން އިބްރާހިމް ވަހީދު މިއަދު 'ސަން' އަށް ވިދާޅުވީ، އެ 457 މީހުންނަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެޕާޓީއަށް ވަނުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުން ކަމަށެވެ. އަދި އެ ފޯމުތައް އީސީއަށް ހުށަހަޅައި، ކޮމިޝަނުން މިހާރު އެ ފޯމުތައް ބަލައިގެންފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މަހު 18ގައި އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ޕްރައިމަރީގައި ވާދަކުރައްވައެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަނީ އެޕާޓީގެ އެތެރޭގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.
ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތަކާމެދު އެ ދެ ބޭފުޅުން ވިސްނުންފުޅު ގެންގުޅުއްވާ ގޮތުގެ ސަބަބުންނެވެ. ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަމުގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ވިސްނުންފުޅު ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިހް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.