02 Jan 2023, 22:39
މާލޭގެ ބިމުން ފެން ނަގައިގެން ފެން ބޭރު ކުރުމަށް މަގުތަކުގައި ހޮޅި އެޅުމާއި މަގުތައް ކޮނުމާ ބެހޭ އުސޫލުތައް މާލޭ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފިއެވެ.
އެ އުސޫލުގެ ދަށުން، މާލޭގެ ބިމުން ފެން ބޭރު ކުރުމަށް ހޮޅި އެޅޭނީ ޔުޓިލިޓީ އޮތޯރިޓީގެ ހުއްދަ ލިބިގެން ކައުންސިލަށް ހުށަހެޅުމުންނެވެ. އަދި، މާލޭގެ މަގުތައް ކޮނުމުގެ އުސޫލުގެ ދަށުން ޖަންކްޝަންގެ މަތި ނަގައިގެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ވެސް ހުއްދަ ނަގަން ޖެހެއެވެ.
އެގޮތުން، ބިމުން ފެންނަގައި ބޭރުކުރުމުގެ ގަވާއިދުގެ ދަށުން ހުއްދަ ނަގާފައިވާ ފަރާތްތަކުން, ސިޓީއާއެކު ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހެޅުމުން ސުޕަވައިޒަރުން ހޮޅިލައިންގެ ރޫޓު ޗެކްކުރުމަށްފަހު ފީ ދެއްކުމުން ހުއްދަ ލިބޭނެއެވެ. އަދި، މަސައްކަތް ކުރަން ޖެހެނީ މަގު ކޮނެގެން ނަމަ، ކޮންނަން ބޭނުންވާ ސަރަހައްދުގެ ދިގުމިނާއި، ފުޅާމިން އެނގޭނެހެން ޗާޓެއް ހުށަހަޅަން ޖެހެއެވެ.
ޖަންކްޝަން މަތި ނަގައިގެން ކުރަންޖެހޭ މަސައްކަތެއްނަމަ ޖަންކްޝަންގެ އަދަދާއި ހުރިތަން ފާހަގަކޮށް, އެ ސަރަހައްދެއްގެ ޗާޓެއް ހުށަހަޅަން ޖެހެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި އިމާރާތް ކުރުމަށްޓަކައި ގެއެއްގެ އިންފާރުން އެތެރޭގައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކޮނެގެން ކުރަންޖެހޭ މަސައްކަތެއްގެ ސަބަބުން އެ އިމާރާތަކާ ނުވަތަ މަސައްކަތް ކުރަމުންދާ ސަރަހައްދާ އިންވެގެން އޮންނަ މަގު، ދުވާރު ނުވަތަ ކާނަކަށް ގެއްލުން ލިބިއްޖެކަން ސާބިތުވެއްޖެ ނަމަ، 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެއިތުރުން، ގަވާއިދާ ޚިލާފަށް ނުވަތަ ކައުންސިލުގެ ހުއްދައެއްނެތި އެފަދަ މަސައްކަތެއް ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މާލޭގެ ބިމުން ފެން ބޭރުކުރުމަށް ހޮޅި އެޅުމާއި މަގު ކޮނުމުގެ އުސޫލު ފާސްކުރީ ސިޓީ ކައުންސިލުން މިދިޔަ މަހު ބޭއްވި އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ އަށްވަނަ ޖަލްސާގައެވެ.