އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާނަމަ ޖޫރިމަނާ ކުރަން ނިންމުމާއި، ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރަން ފެށިފަހުން ޕާޓީތަކުން ހުށަހަޅާ ފޯމުތައް ވަރަށް ބޮޑަށް މަދުވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

މިދިޔަ މަހުން ފެށިގެން އީސީއިން ވަނީ ސިޔާސީ ޕާޓީތަކަށް ސޮއިކުރާ މީހުންގެ ނަން އާންމުކޮށް، ފޯމު ހުށަހަޅާ މީހުންގެ ފޯނަށް މެސެޖެއް ފޮނުވަން ފަށާފައެވެ. އަދި، ވަގު ފޯމު ހުށަހަޅާ ޕާޓީތައް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވެސް އެކޮމިޝަނުން ނިންމާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ކުރިއަށް އޮތް އަހަރުގެ ބަޖެޓު ފާސްކުރުމުގެ ކުރިން ޕާޓީތަކުގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ކޮންމެ އަހަރެއްގެ ފަހު ކޮޅު ވެސް ގިނަ އަދަދެއްގެ ފޯމު ހުށަހަޅާ ކަމަށެވެ. ހަބީބު ވިދާޅުވި ގޮތުގައި، މިފަދައިން އެންމެ ގިނައިން ފޯމު ހުށަހަޅަނީ، އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގައި ކަމަށެވެ.

ނަމަވެސް، ފާއިތުވި މަހުން ފެށިގެން ފޯމު ހުށަހެޅުން ހަރުދަނާ ކުރުމުގެ އުސޫލަށް ގެނައި ބަދަލާއެކު ޕާޓީތަކުން ހުށަހެޅި ފޯމުގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ މަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެކޮމިޝަނަށް ޕާޓީތަކުން 22،398 ފޯމު ހުށަހަޅާފައިވީ ނަމަވެސް، ނިމިދިޔަ އަހަރުގެ ޑިސެމްބަރުމަހު ހުށަހަޅާފައިވަނީ އެންމެ 1،013 ފޯމެވެ.

އީސީން މިހާރު އަމަލުކުރާ އުސޫލުގައިވާގޮތުން، ޕާޓީއަކުން ހުށަހަޅާ ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާއިން އެ ޕާޓީއެއް ޖޫރިމަނާކުރެއެވެ. އަދި، ފުރަތަމަ ފަހަރު އެ ޕާޓީއެއްގެ ރަޖިސްޓްރާ 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމައި، ދެވަނަ ފަހަރުން ފެށިގެން 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ނިންމާފައިވެއެވެ.

މީގެއިތުރުން، ފޯމުތަކުގެ މައުލޫމާތު އެކޮމިޝަންގެ ވެބްސައިޓުގައި ހިމަނައި، ޝަކުވާ ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއްވެސް ދެއެވެ. އެކޮމިޝަނުން އާންމުކޮށްފައިވާ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ޕާޓީތަކަށް މީހުން ވައްދައިގެން އީސީއަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމްއާ ދެކޮޅަށެވެ. ދެވަނައަށް އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ވެރިކަން ކުރާ އެމްޑީޕީއާ ދެކޮޅަށެވެ.