ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ ގިނަ އަދަދެއްގެ ތެޔޮ ނެގުމަށް، އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި މިއަދު ވެސް ދަނީ ކުރަމުން ކަމަށެވެ.

އެ ސަރަހައްދުގެ މޫދަށް 1000 ލީޓަރުގެ ތެޔޮ އެޅި، މަސް މާރުކޭޓުގެ ސަރަހައްދާ ހަމައަށް ފެތުރިފައިވާއިރު، މިހާތަނަށް 400 ލީޓަރުގެ ތެޔޮ ނެގިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ރަސްމީ ފާލަމާއި ތިން ނަންބަރު ޖެޓީއާ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މައުލޫމާތު ލިބިގެން އެ ތެޔޮތައް ނެގުމުގެ މަސައްކަތް އިއްޔެ ހެނދުނު 09:10 ހާއިރު އެމްއެންޑީއެފުން ވަނީ ފަށާފައެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ ސަރަހައްދަށް އެޅިފައިވާ ކަޅުތެޔޮތައް ނަގަމުން އަންނަނީ ބޫމިން ބޭނުންކޮށްގެންކަމަށެވެ.