02 Jan 2023, 15:28
އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޝަކުވާ ބަލާ ކޮމެޓީގެ އިންސާފުވެރި ކަމާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް އެ ކޮމެޓީން ބުނެފިއެވެ.
މިމަހު 18ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ޝަކުވާ ބަލާ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމެޓީގައި ހިމެނޭ އެޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ކޮމެޓީގެ މެންބަރުން ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ އިންސާފުވެރި ކަމާ މެދު ސުވާލު އުފައްދަން ޖެހޭ ސަބަބެެއް ނޫން ކަމަށެވެ.
އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދަނީ އިންތިޚާބުގެ އިންސާފުވެރި ކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި، ވަކިން ހާއްސަކޮށް ޕާޓީން އެކުލަވައިލި ޝަކުވާ ބަލާ ކޮމެޓީގައި ތިބީ ރައީސަށް ތާއީދުކުރައްވާ މެންބަރުން ކަމަށް ވަނީ ތުހުމަތު ކުރައްވައިފައެވެ.
އެ ތުހުމަތުތަކަށް ޖަވާބުދެއްވަމުން އިބުރޭ ވިދާޅުވީ ކޮމެޓީގެ ހުރިހާ ނިންމުމެއް ވެސް ނިންމަނީ ވަރަށް ހާމަކޮށް ބޮޑުކޮށް ކަމަށެވެ. އަދި، ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރާ މެންބަރުންތަކެއް ވަކިކުރި ކަމަށް ނުބެލެވޭ ކަމަށެވެ.
"ރައީސް ނަޝީދުގެ ކެމްޕޭން މެނޭޖަރުކަން އެންމެ ފުރަތަމަ އޮފާ ކުރީ އަޅުގަނޑަށް،"އިބުރާހިމް ވަހީދު (އިބުރޭ)
އޭނާ ވިދާޅުވީ ވަކި ކެނޑިޑޭޓަކަށް ތާއީދުކުރާ މެންބަރުން ވަކިކުރި ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނޫން ކަމަށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ބޭބޭފުޅުން ވެސް ޕާޓީން ވަކިވެފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ރައީސް ބޭބޭފުޅުން ވަނީ މުއްދަތުގެ ތެރޭގައި ޕާޓީއަށް އަލުން ގުޅިވަޑައިގެންފައެވެ.
"ކޮންމެސް މީހަކަށް ތާއީދުކުރުމަކީ ކޮމެޓީން ކުރަން ޖެހޭ މަސައްކަތް އެއް ފަރާތަކަށް ޖެހިގެން ކުރުމެއް ނޫން ކަންނޭންގެ. އެ މަސައްކަތް ތެދުވެރިކަމާއެކު ކުރެވުނީމާ ހުންނާނީ ރަނގަޅަށް ކަމަށް ދެކެނީ" އޭނާ ވިދާޅުވިއެވެ.
ދަފުތަރުން ކަނޑާލުމުގެ ކުރިން އިސްލާހު ކުރަން ފުރުސަތު ދިން
ނަޝީދު ތަކުރާރުކޮށް ފާޅުކުރައްވާ ކަންބޮޑުވުމަކީ ދަފުތަރުގައި ތިބި އެތައް ހާސް މެންބަރުންނެއް ވަކިކޮށްފައި އިންތިޚާބު ބޭއްވުމެވެ.
ޕްރައިމަރީއަށް އިއުލާނު ކުރުމާއެކު ނަޝީދު ގެންދަވަނީ އެޕާޓީގެ ދަފުތަރު ގަޑުބަޑުކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. މިގޮތުން، އެޕާޓީގެ ދަފުތަރު ސައްހަ ކުރުމަށް ކަމަށް ބުނެ ޕާޓީން ވަކިކޮށްފައިވާ 39،000އަށް ވުރެ ގިނަ މެންބަރުންނަކީ އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުން ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފައެވެ.
އެއަށް ރައްދުދެއްވަމުން ޝަކުވާ ބަލާ ކޮމެޓީގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ މެންބަރުން ދަފުތަރުން ވަކިކުރީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި ނެތް މެންބަރުންނަށް ޕާޓީއަށް ރުޖޫޢަވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި ކަމަށެވެ.
"ރީޒަނެބަލް މުއްދަތެއް، ތިން މަސް ދުވަސް މި ދިނީ. އެކަންތައް އިސްލާހުކޮށް އަނބުރާ ރުޖޫޢަވުމަށް" އޭނާ ވިދާޅުވިއެވެ.
އެ މުއްދަތުގެ ތެރޭގައި 5،000 އެއްހާ މެންބަރުން އަލުން ޕާޓީއާ ގުޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެގޮތަށް ވަކިކުރި މެންބަރުންނާ ގުޅޭ ގޮތުން ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ އެކަމުގެ ސަބަބުން އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އެކަމަކު، ކޮމެޓީން މިއަދު ބުނީ ދަފުތަރު އިސްލާހު ކުރީ ސިއްރިއްޔާތުގައި ނޫން ކަމަށާއި އެއީ ހާމަކަން ބޮޑު ގޮތެއްގައި ކުރި ކަމެއް ކަމަށެވެ.