އިޙުތިޖާޖުތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވަމުންދާ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް ޔާމީނަށް ކުރި "ހަރާމް ހުކުމާ" ދެކޮޅަށް ރައްޔިތުން މާލޭގެ މަގުތަކުގައި ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދާ އިހުތިޖާޖު ތަކުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށެވެ.

"ރައްޔިތުން މާލޭގެ މަގުތަކަށް އެއްވެ އަޑު އުފުލަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލު ފާޅުކުރުމުގެ ހައްގާއި އެއްވެ އުޅުމުގެ ހައްގުގެ އިންތަކުގެ ތެރޭގައެވެ. ނަމަވެސް އެއްވެ ތިބޭ މީހުންނާއި ދިމާއަށް ފުލުހުންގެ ވެހިކަލް ބާރަށް ދުއްވާފަ ވަނުމާއި ފަހަތުން ދުވެ ގޮސް ސުލްހަވެރިކަމާއެކު މަޑުން ތިބޭ މީހުންގެ ގަޔަށް އަރައިގަނެ، އެއްވެސް ބެލުމެއް ނެތި އަނިޔާވެރިކަމާއެކު ހިފައިގަނެ އަނިޔާ ދެމުންދާކަން ފާހަގަ ކުރަމެވެ،" އެ ބަޔާނުގައިވެއެވެ.

އެފަދަ އަމަލުތަކަކީ ލާއިންސާނީ އަމަލުތަކެއް ކަމަށާއި އެ އަމަލުތައް ހިންގާ ފުލުހުންނާ މެދު އެއްވެސް މުއައްސަސާ އަކުން ފިޔަވަޅެއް ނާޅާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

އިދިކޮޅު ލީޑަރު ޔާމީން މިނިވަންކުރަން ގޮވައިލައި އިދިކޮޅުން މަގުތަކަށް --- ސަންފޮޓޯ/ ނާއިލް ހުސައިން

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖުމުލަ 11 އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

އެހެންވެ، އިދިކޮޅުން އަންނަނީ ޔާމީންގެ މައްޗަށް އިއްވީ ހަރާމް ހުކުމެއް ކަމަށް ބުނެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިހްތިޖާޖު ކުރަމުންނެވެ.

އެ އެއްވުންތަކުގެ ތެރެއިން ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރު، ދެ މީހެއްގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.

އިދިކޮޅުގެ ބަޔާނުގައި ބުނެފައިވަނީ ހިޔުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ފަދަ މުއައްސަސާތަކުން އެކަމުގައި ހަނު ތިބުމަކީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި އިދިކޮޅު ކޯލިޝަންގެ މައްޗަންގޯޅި މެދު ދާއިރާގެ ރައީސް އިބްރާހީމް ޒަމީލާއި ހެންވޭރު ސްޓިއަރިން ކޮމިޓީގެ މެންބަރު ޢަބްދުﷲ ޢަދުލީ ހައްޔަރުކުރީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިކަމާއެކު ކަމަށާއި އެއްވެސް އަސާސެއް ނެތް ގޮތެއްގައި ދޮގު ބަޔާންތަކެއްގެ މައްޗަށް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަކީވެސް ސަރުކާރުގެ އިދާރާތަކުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

އެ ދެ މީހުން ވެސް ދޫކޮށްލުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ. އަދި އެކަން އެޗްއާރުސީއެމް އާއި އެންއައިސީ އިން ވަރަށް ގާތުން ބަލައި ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެ އެ މުއަސަސާތަކާ ގާނޫނުން ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރުމަށް ވެސް އެ ބަޔާނުގައި ގޮވާލައިފައިވެއެވެ.