11 Apr 2012, 13:39
އިއްޔެ އަލަށް އެކުލަވައިލި ގައުމީ އިނާމާބެހޭ ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
ކޮމިޓީ އިފްތިތާހުކޮށްދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ކޮމިޓީއަކީ ވަރަށް މިނިވަން ކޮމިޓީއެއް ކަމަށާއި، ކޮމިޓީއަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމަށާއި ސަރުކާރުންވެސް އެއްވެސް ސިފައެއްގައި ކޮމެޓީގެ މަސައްކަތުގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. އިނާމަށް މީހުން ހޮއްވެވުމުގައި މިހާރު ބައްލަވަމުން ގެންދަވާ މިންގަނޑުތައް އަލުން ދިރާސާ ކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީ ކޮމިޓީގެ ފުރިހަމަ އިޚްތިޔާރުގައި އޮތް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީގައި ހިމެނި ވަޑައިގަނަވާ ބޭފުޅުންނަކީ ވަރަށް ތަޖުރިބާކާރު ބޭފުޅުން ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ކޮމިޓީގެ ޗެއާމަން، ކުރީގެ މިނިސްޓަރު ޢަބްދުއް ރަޝީދު ޙުސައިނަކީ، ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވަވާ އަދި ކުރިން ވެސް އިނާމުތައް ކަނޑައެޅުއްވުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށެވެ.
ކުރިން އޮތް ޤައުމީ އިނާމާބެހޭ ކޮމިޓީގެ ތިން އަހަރުގެ ދައުރުގައި އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެ ކޮމިޓީގެ މަސައްކަތަށް ވަރަށް ގިނަ ބައެއްގެ އިޙްތިރާމް ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޤައުމީ އިނާމާބެހޭ އާ ކޮމިޓީގައި ޢަބްދުއްރަޝީދު ޙުސައިންގެ އިތުރުން ހިމެނިވަޑައިގަންނަވަނީ މއ. ސިގްމާ ޢަބްދުﷲ އާދަމާއި، މ. މަޚްމާވިލާ އިބްރާހީމް އިސްމާޢީލާއި، މއ. ފިއަވަނި އަޙްމަދު ޢަލިމަނިކާއި، ޅ. ހިންނަވަރު ނޫރާނީއާގޭ ޢާއިޝަތު މުޙަންމަދު ޞާލިޙާއި، މއ. ދަގަނޑުކެނޑިގޭ ފާޠިމަތު ޢާފިޔާ އާއި، ހ. މާދޫގޭ ޙުސައިން ޢާމިރާއި، މ. ހަޒާރުމާގޭ އަޙްމަދު ވަޖީހާއި، ވިލިމާލޭ ފަހިދޫ، ޝުހުދާ ފުއާދެވެ.