31 Jul 2010, 10:05
14:30
ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން 17 އަހަރުގެ ކުއްޖަކު މަރުވިތާ 24 ގަޑިއިރު ނުވަނީސް، އިތުރު ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރު 12 ޖަހާކަންހާއިރު އެމާރާމާރީ ހިނގާފައި ވަނީ މައްޗަންގޮޅި ސަހަރާ ކައިރީގައި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ. އަދި ރޭ އިރާކޮޅު ހިނގި މާރާމާރީއާ މިއަދު ހިނގި މާރާމާރީއާ ގުޅުމެއް ވާ ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މާރާމާރީގައި ހަމަލާދީފައި ވަނީ ކަނޑިއަކުންނެވެ.
އައިޖީއެމްޗުން ބުނީ އަނިޔާވި ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ބޮލަށާއި ބުރަކަށްޓަށް އަދި އަނެކެއްގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީގައި އަނިޔާވެފައިވަނީ ގ.ކޯޒީ، އިބްރާހިމް ޝަހުމަށާއި މއ.ވޭނިސް، އަހުމަދު ނައީމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި 17 އަހަރުގެ ކުއްޖަކަށް އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހޭނާރާ އޮވެ، މިއަދު ހެނދުނު ވަނީ މަރުވެފަ އެވެ.
އައިޖީއެމްއެޗުން ބުނީ ރޭ އިރުއޮއްސި 7 ޖަހާކަންހާއިރު އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ފައިގެ މައިނާރާއި އެހެން މުހިންމު ބޮޑެތި ނާރުތައް ބުރިވެފައިވާ ކަމަށެވެ. އަދި އޭނާ ގެންދިޔައިރު ވެސް ލޭ ފޭބުމުގެ ސަބަބުން ވަރަށް ބޮޑަށް ލޭގެ ޕްރެޝަރު ދަށްވެފައިވާ ކަމަށާއި އޭގެ ސަބަބުން އޭނާ އަށް އޮތީ ޝޮކެއް ޖެހިފައި ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ. އައިޖީއެމްއެޗުން ބުނީ އޭނާ މަރުވެފައި ވަނީ ޝޮކު ޖެހުނު ގޮތަށް ހޭނެތިފައި އޮވެ، މިއަދު ހެނދުނު 6 ޖަހާކަންހާއިރު ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސޯޝަލް ސެންޓަރުގެ ބިއްދޮށުގައި އޮންނަ ދަނޑުގައި، ރޭ އިރާކޮޅު ހިނގި އެ މާރާމާރީގައި ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަދި ތިން މީހަކަށް އައިޖީއެމްއެޗުން ފަރުވާދީފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ އަނިޔާވެގެން ރޭ ގެނައި ތިން މީހުންގެ ތެރެއިން ދެ މީހުންނަށް އިއްޔެ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން އެކެއްގެ މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށާއި އަދި އަނެއް މީހާގެ ފަޔަށް ވެސް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ދެމީހުންނަށް އެމެޖެންސީ ރޫމްގައި ފަރުވާ ދިނުމަށްފަހު އިއްޔެ ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން 15 މީހަކު ހައްޔަރުކުރި ކަމަށާއި މިހާރު ފުލުހުންގެ ހައްޔަރުގައި ތިބީ ނުވަ މީހަކު ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މާރާމާރީ ހިންގީ ފުޓްބޯޅަ ކުޅެމުން ދިޔައިރު އެ ސަރަހައްދުގައި ތިބި ބައެއްގެ މެދުގައި ކަމަށެވެ.
ރޭ ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބައެއް މީހުންނަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުންދިޔަ ނަމަވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެފަދަ ޝަކުވާއެއް ރަސްމީކޮށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް އުޅޭ ނަމަ ހުށަހަޅައިގެން ބެލުމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.