02 Jan 2023, 13:12
އައްޑޫ ސިޓީގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އާންމު ރައްޔިތުންގެ ޝަކުވާތައް ގިނަ ކަމަށާއި، އެކަން ހައްލުކުރުމަށް މަސައްކަތް ކުރާ ކަމަށް އައްްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ، ހިތަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ކުރާ އިންޑިއާގެ އެފްކޯންސް ކުންފުންޏަށެވެ.
އެ މަސައްކަތް ހިތަދޫގައި ފެށީ މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހެވެ.
އެ ރަށުން "ސަން"އާ ވަހަކަދެއްކި އާންމު ރައްޔިތަކު ބުނި ގޮތުގައި އެންމެ ބޮޑު ޝަކުވާއަކީ މަސައްކަތުގެ ސްޕީޑު ލަސްވުމެވެ. އެގޮތުން އެންމެ ފުރަތަމަ ކޮނެ، ހޮޅިތައް ވަޅުލީ މަގުގައި އަދިވެސް ތާރު އެޅިފައިނުވާކަމަށް އޭނާ ބުންޏެވެ.
"ދެން އަނެއްކާ މަސައްކަތުގައި އެއްވެސް ތަރުތީބެއް ނެތި މި ކަން ކުރަނީ. އެއް މަގު ކޮނެލައިފައި. ދެން ގޮސްދާނެ އެހެން މަގަކަށް. އެއްވެސް ވައްޓަފާޅިއެއް ނެތި މި ކަން ކުރާކަން ފާހަގަވަނީ. ދެން މިކަމާ ހެދި ވަރަށް ދަތިތަކާ ކުރިމަތިވޭ. ރައްޔިތުން މި ތިބީ މަގުތަކުގައި ޒަމާނީ ފެންވަރަށް ތާރު އެޅޭތީ ވެސް ޝުކުރުކޮށްލައިގެން،" އޭނާ ބުންޏެވެ.
މީގެ އިތުރުން ކޮލިޓީ ދަށްވުމުގެ ޝަކުވާތައް ވެސް ބައެއް އާންމުން ކުރެއެވެ. އެގޮތުން ތާރުގަނޑު ނެއްޓުން ފަދަ ކަންކަން ހިމެނެއެެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު---
މި ކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު ނިޒާރު "ސަން"އަށް މިއަދު ވިދާޅުވީ، މަގު ހެދުމާ ގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ލިބޭ ޝަކުވާތަކަށް ކައުންސިލުން "އެޓެންޑްވަމުން" އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް އާދޭ ޝަކުވާތައް. ދެން އަޅުގަނޑުމެން ޝަކުވާ ލިބޭއިރަށް އެކަމަށް ކައުންސިލް އެޓެންޑުވޭ. ދެން ޕްލޭނިން މިނިސްޓްރީން ކުރާ މަސައްކަތެއްވީމާ އެ މިނިސްޓްރީގެ ބޭފުޅުން ވެސް މިކޮޅުގައި އެބަ ތިއްބަވާ. ދެން އެ ބޭފުޅުން ވެސް އެ ކަން ބައްލަވާ. އަޅުގަނޑުމެން ވެސް ހަަމަ ރިޕޯޓުތައް ހަދައި، ރިޕޯޓުތައް މިނިސްޓްރީއަށާއި އެފްކޯންސްއަށް ވެސް ހުށަހަޅަން،" ނިޒާރު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ކޮންމެ ހަފުތާއަކު އެފްކޮންސްއާއި މިނިސްޓްރީގެ އޮފިޝަލުންނާއެކު ބައްދަލުވުމެއް ބާއްވައި، އެ ހަފުތާއަކު ފާހަގަވާ ކަންކަން ހިއްސާކުރާކަމަށެވެ.
އެގޮތުން މަގުގެ ޑިޒައިނާ ގުޅުންހުރި ޝަކުވާތަކާއި ކޮލިޓީއާ ގުޅުންހުރި ބައެއް ޝަކުވާތައް ލިބޭކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މަގުހެދުން ފަދަ ބޮޑު މަސައްކަތެއް ކުރާއިރު، ޝަކުވާ ލިބޭނެކަން ގަބޫލުކުރައްވާކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. ނަމަވެސް ކައުންސިލުން މަގުތަކުގެ މަސައްކަތާ މެދު ހިތްހަމަޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"އަަޅުގަނޑުމެން އަނެއްހެން ބަލާއިރު، ނިމޭ މަގުތަކަށް ބަލާއިރު ޝަކުވާ ގޮތުގައި މި އަންނަ ކުދިކުދި ކަންކަމަށް ނުބަލައި ބުނާނަމަ ޖުމްލަކޮށް އެފްކޮންސްއިން ނިންމާ މަގުތައް ރަނގަޅު. ދެން މިއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް. ކުދިކުދި މައްސަލަތައް ދިމާވިޔަސް އެ ކަން ހައްލުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން،" ނިޒާރު ވިދާޅުވިއެވެ.