ސްޕެނިސް ލީގުގައި ރޭ ގެޓަފޭ އަތުން 4- 0 ލަނޑުން މޮޅުވެ، ބާސެލޯނާއިން ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފި އެވެ.

ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 79 ޕޮއިންޓާއެކު އެވެ. އަދި ގެޓަފޭ އަތުން ރޭ މޮޅުވި ބާސާ ލީގުގެ ދެވަނައިގައި 78 ޕޮއިންޓާއެކު އޮތް އިރު، ގެޓަފޭ އޮތީ ލީގުގެ 10 ވަނައިގައި 42 ޕޮއިންޓާ އެކުއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށް މެޗުގެ ލީޑް ބާސާއަށް ނަގައި ދިނީ އެލެކްސް ސަންޗޭޒް އެވެ. އަދި އޭނާ ވަނީ ރޭގެ މެޗުގައި ބާސާގެ ތިން ވަނަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ވެސް ކާމިޔާބު ކޮށްދީފައެވެ. ބާސާގެ ދެ ވަނަ ލަނޑު މެޗުގެ 44 ވަނަ މިނެޓުގައި މެސީ ކާމިޔާބު ކޮށްދިން އިރު، ހަތަރު ވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ޕެޑްރޯ އެވެ.

ރޭގެ މެޗަށް ފަހު ބާސާއަށް ދެ ގޯލް ކާމިޔާބު ކޮށްދިން، 24 އަހަރުގެ ޗިލީގެ ފޯވާޑް އެލެކްސް ސަންޗޭސް ބުނީ، ލީގު ކާމިޔާބު ކުރުމަށް ބާސާއިން ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވެފައި ވަނީ، ޓީމުގެ ކުޅުންތެރިން ކުރާ ބުރަ މަސައްކަތާއެކު ކަމަށެވެ. އަދި ކުރިއަށް ހުރީ ވާދަވެރި ބޮޑެތި މެޗްތަކެއް ކަމަށާއި އެމެޗްތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ބާސާ އޮތީ ތައްޔާރަށް ކަމަށް ވެސް ސަންޗޭސް ބުންޏެވެ.

"ނަތީޖާ އާ މެދު ހިތް ހަމަޖެހޭ. ދެން ހުރި ބޮޑެތި މެޗްތަކުގައި ވެސް މިއަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދޭނެ. އަހަރުމެން މަސައްކަތް ކޮށްފި ނަމަ ލީގު ކާމިޔާބު ކުރެވޭނެ" ސަންޗޭސް ބުންޏެވެ.