02 Jan 2023, 11:02
ވ. އަތޮޅުގެ ވެމްޕަރު ފަޅު, ބޭރު ކަނޑުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މަރުވެފައިވާ މީހާގެ ހަށިގަނޑު ފެނިފައިވަނީ ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން ކަމަށެވެ. އެ މީހާގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 9:03 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހަށިގަނޑު މިހާރު ފުލުހުންގެ ލޯންޗަކަށް ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" އޮފިޝަލް ވިދާޅުވިއެވެ.
އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި މަރުވެފައިވާތާ ކިހާ ދުވަހެއް ވެފައިވާ މީހެއް ކަމެއް ވެސް ފުލުހުން އަދި ނުބުނެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ހަށިގަނޑު ވަނީ ކާކުކަން ނޭނގޭ ވަރަށް ކުނިވެފައެވެ.
ޑައިވިންނަށް ގޮސް އުޅުމުގެ ތެރެއިންނާއި ކަނޑުމަތީގެ އެކި ހާދިސާތަކުގެ ސަބަބުން ނިމިދިޔަ އަހަރު ރާއްޖޭން ވެސް ބައެއް މީހުން ވަނީ މޫދަށް ގެއްލިފައެވެ. އޭގެ ތެރެއިން ބައެއް މީހުން ފެނިފައެއް ނުވެއެވެ.
ވިލިމާލެއިން ފުރި ތެޔޮ އުފުލާ ބޯޓަކުން ވެސް ދިވެއްސަކާއި ބިދޭސީއެއް ގެއްލިގެން ދަނީ ހޯދަމުންނެވެ. އެ ތެޔޮ ބޯޓް ހުޅުލޭ ކައިރިން އިއްޔެ ފެނުނު ނަމަވެސް އޭގައި އުޅޭ ދެ މީހުން އަދި ވެސް ނުފެނެއެވެ.
އޮޔާއި ވައި ހުންނަ ގޮތުން ރާއްޖޭން ބޭރުން ވެސް ރާއްޖެ ސަރަހައްދަށް އެއްޗެހި ލަށްގައެވެ. އެގޮތުން އެހެން ގައުމުތަކުގެ މީހުންގެ ހަށިގަނޑު ވެސް ރާއްޖޭގެ ކަނޑުގެ އެކި ހިސާބުތަކުން ފެނުމަކީ މަދުން ނަމަވެސް ވާ ކަމެކެވެ.