02 Jan 2023, 09:36
މަޝްހޫރު ޓެލެންޓް ރިއޭލިޓީ ޓީވީ މުބާރާތް "އެކްސް ފެކްޓާ" ފްރެންޗައިޒް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.
މަޝްހޫރު ފްރެންޗައިޒްގެ އެކި ސްޕިން އޮފްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކަމުން އަންނަ އިރު އެންމެ މަގުބޫލު އަދި އޮރިޖިނަލް އަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގައި ދެއްކި ޝޯތަކެވެ.
އަލަށް އެކްސް ފެކްޓާ ފެށުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.
އެކްސް ފެކްޓާގެ އެމެރިކާގެ ވާޝަން ކުރިއަށް ގެންގޮސްފައިވަނީ 2011 އިން 2013 އަށެވެ. އަދި އިނގިރޭސިވިލާތުގައި އެކްސް ފެކްޓާ ކުރިއަށް ގެންގޮސްފައިވަނީ 2004 އިން 2018ގެ ނިޔަލަށެވެ.
އިނގިރޭސިވިލާތުގެ ވާޝަން ކެންސަލު ކޮށްލާފައިވާއިރު މިއީ މި ދެ ވާޝަންގެ ތެރެއިން ވެސް އެންމެ ގިނަ ބައެއްގެ ތެރޭގައި މަގުބޫލުކަން ހޯދައި ގިނަ ތަރިންތަކެއް އުފައްދާފައިވާ ވާޝަންއެވެ. ނަމަވެސް މިފަހަރު މުބާރާތް އެނބުރި އަންނާނީ އެމެރިކާ އަށެވެ.
ޝޯ އެނބުރި އަންނާނެ ކަން ކަށަވަރު ކޮށްދީފައިވަނީ ޝޯގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު އަދި ޕްރޮޑިއުސަރު ސައިމަން ކޮވެލްއެވެ. އޭނާ ބުނާގޮތުން ޝޯ އަލުން ފެށުމަށްޓަކައި ހުއްދަ ދީފައިވަނީ އެމެރިކާގެ ބްރޯޑްކާސްޓަރެއް ކަމަށްވާ އެންބީސީއިންނެވެ. އެހެންވީމާ މިފަހަރު ޝޯ ފެށުމަށް ހަމަޖެހިފައިވަނީ އެމެރިކާގައި ކަމަށް އޭނާ ބުނެއެވެ.
ސައިމަން ބުނާގޮތުގައި އިނގިރޭސިވިލާތަށް ވުރެ އެމެރިކާގައި މި ޝޯ ވައިގައި ހިފާ މިންވަރ އިތުރުވާނެއެވެ. އަދި ގިނަ ބައެއްގެ މެދުގައި މި ޝޯއަށް އާ ލޯބި ވެސް އުފެދުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެނީ އެމެރިކާގައި ކަމަށް އޭނާ ފާހަގަކުރިއެވެ.
އާ ޝޯގައި ސައިމަން ބޮޑަށް ފެންނާނީ ފަނޑިޔާރެއްގެ ބަދަލުގައި މެންޓޯއެއްގެ ގޮތުގައި ކަމަށް އޭނާ ބުނެއެވެ. ނަމަވެސް މި ޝޯ ދައްކަން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.