02 Jan 2023, 09:26
ޖަޕާނުގެ ވެރި ރަށް ޓޯކިޔޯގައި ދިރިއުޅޭ މީހުން މަދުކުރުމަށްޓަކައި ވެރި ރަށުން ބޭރަށް ދިރިއުޅުން ބަދަލު ކުރުމަށް ސަރުކާރުން ފައިސާގެ އިނާޔަތް އާއިލާތަކަށް ދިނުމުގެ ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.
ޖަޕާނުގެ ވެރި ރަށް ޓޯކިޔޯގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވެ ވެރި ރަށުގައި މީހުން ތޮށް ޖެހުމުގެ މައްސަލައަކީ ބޮޑުވެދާނެ މައްސަލައެއް ކަމަށް އެ ގައުމުގެ ސަރުކާރު ދެކި އެކަމާ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. ޖަޕާނުގެ ވެރި ރަށް ޓޯކިޔޯއަށް ބިން ހެލުމުގެ އަސަރުތައް ފޯރުމުގެ ބިރުވެރިކަން އޮތް ކަމަށް ދެކުމަކީ ވެސް ޓޯކިޔޯގެ އާބާދީ މަދުކުރުމަށް ސަރުކާރުން ބޭނުންވާ އެއް ސަބަބެވެ.
ޖަޕާނުގެ ބިން ހެލުމާ ގުޅޭ ދިރާސާތައް ކުރާ ސެންޓަރު، ހެޑްކުއާޓާސް ފޮ އާތު ކުއޭކް ރިސާޗު ޕްރޮމޯޝަން އިން 2019 ވަނަ އަހަރުގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުގައި ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ޖަޕާނަށް ބޮޑު ބިންހެލުމެއްގެ އަސަރު ކުރުމުގެ 47 ޕަސެންޓް ފުރުސަތު އެބައޮތެވެ.
ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖަޕާނަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައި އިރު ޖަޕާނުގެ އުތުރު އިރުމަތީ ސަރަހައްދަށް ވަނީ މާޗު މަހުގެ ތެރޭގައި 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ. މީގެ ސަބަބުން ވެރި ރަށުގެ އާބާދީ ކުޑަ ކުރުމަށް ސަރުކާރުން ބޭނުންވާ މިންވަރު ވަނީ އިތުރުވެފައެވެ.
ނަތީޖާއެއްގެ ގޮތުން މިހާރު ފަށާފައިވާ އެ ޕްރޮގްރާމުގައި ހަމަޖެހިފައިވަނީ އާއިލާތަކަށް ހާއްސަ އިނާޔަތްތަކެއް ދީގެން ޓޯކިޔޯއިން އަވަށްތަކަށް ދިރިއުޅުން ބަދަލުކުރުމަށެވެ. ޓޯކިޔޯގައި ދިރިއުޅޭ އާއިލާތައް ރީޖަނަލް ސަރަހައްދުތަކަށް ބަދަލުވުމަށް ސަރުކާރުން ކޮންމެ އާއިލާއަކަށް އެންމެ މަދުވެގެން 7،627 އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ އަދަދަކީ އާއިލާގެ ކޮންމެ ދަރިއަކަށް ބަލައި ދެވޭ އަދަދެކެވެ. އެގޮތުން ކޮންމެ ދަރިއަކަށް 7،627 އެމެރިކާ ޑޮލަރުގެ މަގުން އާއިލާތަކަށް ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް މި ޕްރޮގްރާމުގެ ދަށުން ރީޖަނަލް ސަރަހައްދުތަކަށް ބަދަލުވާ އާއިލާތައް އެންމެ މަދު ވެގެން ވެސް ފަސް އަހަރު އެ ސަރަހައްދުގައި ދިރިއުޅެން ޖެހޭނެއެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ މުއްދަތުގައި ވަޒީފާއެއްގައި އުޅެން ޖެހޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ. އެ ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
މި ފައިސާ އަކީ އެއް ފަހަރެއްގެ މަތީން ދެވޭ ފައިސާއެއް ކަމެއް ނުވަތަ އެކި ފަހަރުގެ މަތީން ދެވޭ ފައިސާއެއް ކަމެއް ސާފުވެފައެއް ނުވެއެވެ.