ކުރީގެ ރައީސް މުހައްމަދު ނަޝީދު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.

އެމްޑީޕީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ނަޝީދު ދަތުރުފުޅަކީ ތިމަރަފުށީ ދާއިރާއަށް އެމްޑީޕީންގެ ޓިކެޓްގައި ވާދަ ކުރައްވާފައިވާ މުހައްމަދު މުސްތަފާއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށާ އެމަނިކުފާނު މިވަގުތު ހުންނެވީ ގުރައިދޫގައި ކަމަށެވެ. އަދި މިދަތުރުފުޅުގައި ގާދިއްފުއްޓާއި ތިމަރަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ރައީސް ނަޝީދު ގެ މި ދަތުރުފުޅުގައި އެ ރަށްތަކުގެ ގޭގެއަށް ވަޑައިގެން އާންމުންނާ ބައްދަލުކުރައްވާނެ ކަމަށާއި މިއަދު ހަވީރު ގާދިއްފުއްޓަށް ވަޑައިގަތުމަށް ފަހު މިރޭ ތިމަރަފުށީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ.

ނަޝީދުގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.