ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ހަތަރު އަހަރުން ހާމަވީ ކޮންމެ ކޮންމެ ވެރިއަކަށް ވެރިކަން ނުކުރެވޭނެކަން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މި ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އާ އަަހަރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނާނެ ބަދަލުތަކުގެ ވާހަކަދައްކަވަމުން ޑރ. ޖަމީލް މިއަދު "ސަން"އަށް ވިދާޅުވީ، ވެރިކަމަށް އަންނަން ރައްޔިތުންވާ ވައުދަކީ 'ކާޕެޓު ދަށަށް' ދާ ވައުދަކަށް ވެގެން ނުވާނެކަމަށެވެ.

އެމްޑީޕީ ވެރިކަމަށް ގެނައުމަށް ރައްޔިތުން މަސައްކަތްކުރީ، އެ ޕާޓީން ވީ ވައުދުތަކުގެ ސަބަބުން ކަމަށާއި، އަދި ރައްޔިތުން މަގުތަކަށް ނިކުމެ ހަމަނުޖެހުން ނުހިންގުމަކީ، ވައުދުތައް ނުފުއްދައި، އަޅައިނުލާ ސަރުކާރުން ތިބެންޖެހޭ ސަބަބެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިދަޔަ ހަތަރު އަހަރު ޚާއްސަކޮށް އިބޫގެ މި ވެރިކަމުން އެނގުނީ، ވެރިކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން. ވެރިކަމެއް ލިބިދާނެ. ވެރިކަމުގައި މީހަކު ހުރެ ވެސްފާނެ. އެހެންނަމަވެސް ވެރިކަމެއް ރައްޔިތުންނަށް ޓަކައި އަދި ގައުމަށް ޓަކައި، ކުރުމަކީ ކޮންމެ ކޮންމެ ވެރިއަކަށް ވާނެ ކަމެއް ނޫން،" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުން ރައްޔިތުން ދަރަނިވެރިކޮށްފައިވާކަމަށް ބުނެ ކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވީ، ދަރަނިވެރި ނުކުރާނެކަމަށް ބުނެ ރައީސް ޞާލިހު ދެއްކެވި ވާހަކަތައް އޮތީ ކިހާ ހިސާބެއްގައިތޯ ބަލައިލުން މުހިންމު ކަމަށެވެ.

"ހަމަ ޔަގީނުން ވެސް އެނގޭ އެއްޗަކީ މިއަދު ކޮންމެ ދިވެއްސެއްގެ ބޮލަށް ތިންލައްކައާ ގާތް ކުރާ އަދަދަށް ދަރަނި ހިންގައްޖޭ. ކޮންމެ މީހެއްގެ. އޭގެ މާނައަކީ ކުޑަކުއްޖާގެ ވެސް އަދި ނުވިހާ ކުއްޖާގެ ބޮލުގައި ވެސް މިހާ ބޮޑު ދަރަންޏެއް އެޅިއްޖޭ. އަސްލު ޑެބްޓް ޓްރެޕަކަށް އިބޫ [ރައީސް ޞާލިހު] މިއޮތީ ގައުމު ވައްޓައިލައިފައި،" ޑރ. ޖަމީލް ވިދާޅުވިއެވެެ.

ޖަމީލް ވިދާޅުވީ ކޮންމެ ވެރިއަކު ވެސް ދަރަނި ނަގާނެކަމަށެވެ. ނަމަވެސް އެއީ ރިކަރެންޓު ޚަރަދަށް ބޭނުންކުރާ އެއްޗަކަށް ވެގެން ނުވާނެކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް ރައީސް ޔާމީން ވެސް ދަރަނި ނެންގެވި. އަޅުގަނޑު ވަކި އެ ޕާޓީގައި އުޅޭތީއެއް ނޫން. މިސާލަކަށް ހަމައެކަނި ތި އޮތް ބްރިޖަށް ބެލި ނަމަވެސް އޭގެން ލިބުނު ފައިދާއަށް ބަލަމާ. އޭގެ ސަބަބުން އައި އިކޮނޮމިކް ބޫމާއި، އެއާޕޯޓުގެ ތަރައްގީއާ. މި ކަހަލަ ލޯންގް ޓޯމް އިންވެސްޓުމަންޓުތައް ކުރަން ޖެހެނީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޓެކްސް ބޮޑުކުރުމަކީ ވެސް ރައްޔިތުންނަށް އިތުރު ތަކުލީފަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާއެކު އާ އަހަރު ފެށުނު އިރު އިދިކޮޅު ސިޔާސީ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަޑު ކަނޑުވައިލައިފައިވާކަމަށް ވިދާޅުވެ، ޖަމީލް ވިދާޅުވީ، ފެންނަން ހުރި ކަންތައްތަކުން ޔާމީނާ މެދު ހިންގަނީ 'ސެލެކްޓިވް ޖަސްޓިސް'ކަން ހާމަވާކަމަށެވެ.

ނަމަވެސް ސަރުކާރުގެ ވެރިންނަށް ކިތަންމެ ބޮޑު ތުހުމަތެއް ކުރި ނަމަވެސް އެއްވެސް މިންވަރަކަށް ފިޔަވަޅެއް އަޅާ ތަން ނުފެންނަކަމަށް ވެސް ވިދާޅުވިއެވެ.

"އެ ކަމުގެ ގާބިލްކަން ނެތް މީހެއްގެ އަތަށް ވެރިކަން ލިބުނީމާ ނިކުންނަ ނުރައްކާތެރިކަން އޮތް މިންވަރު އިބޫގެ ސަރުކާރުން މި ފެންނަނީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.