ރައީސުލްޖުމްހޫރިއްޔާ ކަމުން އިސްތިއުފާދެއްވީ މަޖުބޫރުވެގެން ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވާ ވާހަކަ ބެލުމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ (241 ކޮމެޓީ) އަށް ހުށަހެޅި މައްސަލަ މިއަދު އެޖެންޑާކޮށްފައި ވަނިކޮށް އެ ކޮމެޓީގެ ކޯރަމް އެމްޑީޕީގެ މެންބަރުން ގެއްލުވާލައިފި އެވެ.

މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މުގައްރިރުކަން ކުރައްވާ 241 ކޮމެޓީގެ މި ދައުރުގެ ފުރަތަމަ ބައްދަލުވުން ޝެޑިއުލްކޮށްފައި އޮތީ މިއަދު 11:30ގަ އެވެ. ކޮމެޓީ ފެށުނުއިރު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ގިނަ މެންބަރުން ހާޒިރުވެ ވަޑައިގެން ތިއްބެވި ނަމަވެސް ކޮމެޓީ ސިއްރުކުރުމާ ނުކުރުމާ މެދު ވޯޓަކަށް މުގައްރިރު އެއްސެވުމުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ކޮމެޓީ ދޫކުރައްވާ ނިކުމެ ވަޑައިގެންފަ އެވެ.

ކޮމެޓީ ދޫކުރައްވާ ނުކުމެ ވަޑައިގަތީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) އާއި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކާއި ދިއްދޫ ދާއިރާގެ އަހުމަދު ސަމީރާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ ގެ އިތުރުން މިނިވަން މެންބަރުން ތަމްސީލް ކުރާ ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހަންމަދެވެ.

ގާސިމް މިއަދުގެ ކޮމެޓީ ނިންމަވާލެއްވީ މެންބަރުން ވަޑައިގަންނަވާތޯ ފަސް މިނެޓަށް މަޑުކުރެއްވުމަށްފަހު އެވެ. ކޮމެޓީ ނިންމާލެއްވުން އިއުލާން ކުރުމުގެ އިރުކޮޅެއް ކުރިން ކޮމެޓީ ކުރާ ކޮޓަރީގެ ދޮރު މޫސާ މަނިކު ހުޅުވުމުން އަލްހާން ވަނީ ކޮމެޓީއަށް ވަޑައިނުގަންނަވަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. ޖަވާބުގައި މޫސަ ވިދާޅުވީ އެއީ "ކޮމެޓީގެ ކޯރަމް ގެއްލުވާލުމަށް" ކަމަށެވެ.

ކޮމެޓީ ކެންސަލްވުމުން އަލްހާން މަޖިލީހުގައި ހުންނަވާ ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އެމްޑީޕީ މެންބަރުން ކޮމެޓީ ކޯރަމް ގެއްލުވާލުމަކީ އެމްޑީޕީން ފާޅުގައި ބުނާ މައްސަލައެއްގެ ތެދު ދޮގު ބެލުމަށް އެމީހުން ބޭނުންނުވާކަން ދޭހަވާ ކަމަށެވެ. އެކަމާ ހިތާމަކުރައްވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުން ފާޅުގައި ވިދާޅުވާ ވާހަކައެއް މިއީ. އެކަމަކު އިބޫ އީވާ މިބޭފުޅުން އެގޮތަށް އަމަލުކުރެއްވީމަ އެ މައްސަލަ ބަލަން ބޭނުންނުވާކަން މިކަމުން އިނގޭނީ. މިއީ ދެރަކަމެއް،" އަލްހާން ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުންގެ ތެރެއިން ކޮމެޓީއަށް ހާޒިރުވެ ވަޑައިގަތީ އަލްހާން އެކަންޏެވެ.

މުގައްރިރު ގާސިމް ކޮމެޓީ ނިންމަވާލެއްވީ އެ ކޮމެޓީގެ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހުގެރޭ 9:00 ޖަހާއިރު ބާއްވާނެކަން އިއުލާން ކުރައްވަމުންނެވެ.